
މި ކުންފުނީގެ މައި އޮފީސް ހުންނަނީ ދުބާއީގައެވެ.
ޝެއިހް ނައިފް ބިން އީދު އަލް ތާނީގެ ޕްރައިވެޓް އޮފީހުން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ހިންގުމާއި ސްޓްރެޓެޖިކް ވިޝަން ބަލަހައްޓަމުން ގެންދެއެވެ. މި ގުޅުމުގެ ސަބަބުން، ކުންފުންޏަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ސަރުކާރުތަކާއި، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި ގުޅުން ބޭއްވުމުގެ ހާއްސަ ފުރުސަތުތަކެއް ލިބިގެންދެއެވެ.
ރާއްޖޭގައި ގާއިމްކުރާ އެމްއައިއެފްސީގެ ކޮންސެޕްޓް ކުރެހުމެއް
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމުގައި މި ހަފްތާގައި ވަނީ ސޮއިކޮށްފައެވެ.
މަޝްރޫއުގެ ދަށުން އަޅާ ތަންތަން:
- ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު
- މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
- ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
- މަތީ ފަންތީގެ ފިހާރަތައް
- އޯޝަނޮގްރަފިކް މިއުޒިއަމެއް
- ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
- ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
- މިސްކިތެއް
- އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
- 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރެއްވުން
ޝެއިހް ނައިފް ބިން އީދު އަލް ތާނީ ގަތަރުގެ ޝާހީ އާއިލާ ބޭފުޅެއްތަ؟
ޝެއިހް ނައިފް ބިން އީދު އަލް ތާނީ އަކީ ގަތަރުގެ ވެރިކަން ކުރާ އަލް ތާނީ އާއިލާގެ މެންބަރެކެވެ. އަލް ތާނީ އާއިލާއަކީ 19 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން ގަތަރު ވެރިކަން ކުރަމުން އަންނަ ޝާހީ އާއިލާ އެވެ.
ޝެއިހް ނައިފްގެ ޝާހީ މަގާމު ދައްކުވައިދެނީ އޭނާގެ "ޝެއިހް" މި ލަގަބާއި، "އަލް ތާނީ" މި އާއިލީ ނަމުންނެވެ. އޭނާއަކީ ގަތަރުގެ ވިޔަފާރި ދާއިރާގައި މުހިންމު މަގާމުތައް ފުރުއްވާ ބޭފުޅެކެވެ. މިގޮތުން ރިޓާޖް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީގެ ޗެއާމަންގެ މަގާމުވެސް ފުރުއްވަ އެވެ.
އެމްއައިއެފްސީގެ ކޮންސެޕްޓް ކުރެހުމެއް
އަލް ތާނީ އާއިލާއަކީ ހާސްތަކެއް މެންބަރުން ހިމެނޭ ބޮޑު އާއިލާއެކެވެ. މި އާއިލާގެ މެންބަރުން ގަތަރުގެ ސަރުކާރާއި ވިޔަފާރި ދާއިރާގެ މުހިންމު މަގާމުތައް ފުރުއްވަމުން ގެންދަވަ އެވެ. ޝެއިހް ނައިފްގެ ޝާހީ އާއިލާއާ ގުޅުން އޮތީ ތަމީމް ގަބީލާއިން ފެށިގެން އަންނަ މި ވެރިކަންކުރާ އާއިލާގެ ނަސަބުންނެވެ. 19 ވަނަ ގަރުނުން ފެށިގެން ގަތަރުގެ ހުރިހާ އަމީރުންވެސް އައިސްފައިވަނީ މި އާއިލާއިންނެވެ.