
ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އޯއައިސީއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޖަމްއިއްޔާގެ ހަރުދަނާ ލީޑަރޝިޕަށްވެސް ތައުރީފު ކުރައްވާފައިވެއެވެ.
މި ބައްދަލުވުން ނިމުމާއެކު، ރައީސް މުއިއްޒު އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިސްލާމީ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
މިގޮތުން 1969 ވަނަ އަހަރު އުފެދުނު އޯއައިސީއަކީ އދ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިންޓަރގަވަމެންޓަލް އޯގަނައިޒޭޝަނެވެ. މި ޖަމްއިއްޔާގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ މުސްލިމު މެޖޯރިޓީ ގައުމުތަކާއި މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކެވެ. އޯއައިސީގެ އަމާޒަކީ އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓައި މެމްބަރު ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމެވެ.