
މެޓް އޮފީހުން ދިން މައުލޫމާތުގައިވާ ގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ހުޅުލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ހުޅުލެއަށް ފަހުގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. މަކުނުދޫއަށެވެ. އެރަށަށް 95.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ފުވައްމުލައް ސިޓީއަށް 76 މިލިމީޓަރު، މާލެއަށް 63.1 މިލިމީޓަރު، ރ. އަލިފުށްޓަށް 57.8 މިލިމީޓަރު، ބ. ގޮއިދޫއަށް 54.7 މިލިމީޓަރު އަދި ހުޅުމާލެއަށް 51.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 11:30 އާ ހަމައަށް ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވެއެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.