
ޝުޖާއު ރިޓަޔާކުރުމަށް އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަާގެ އާއިލާ މެމްބަރުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ޝަރަފުގެ ހަނދާނީ ފިލައާއި ރިޓަޔަރމަންޓް ކާޑު އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނާއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ. އަދި ރިޓަޔަރމަންޓް ކާޑަކީ ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާއަށް 8 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވެއެވެ. ސީޕީގެ މަގާމަށް ޝުޖާއު އައްޔަންކުރެއްވީ 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ މަގާމުން އޭނާ އިސްތިއުފާދެއްވީ މިދިޔަ އޭޕްރީލްމަހުގެ 26 ވަނަ ދުވަހުއެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޝުޖާއު ވަނީ ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައެވެ.