
ފަހަތަށް ބެލުމެއްނެތި ބާރަށް ދުވެފައި އައި ފިޒާ ކޮންމެވެސް މީހެއްގެ ގައިގަ ލައިގެންފައި ނުވެއްޓުނީ، އެމީހަކު ބާރަށް ފިޒާގެ ގައިގައި ހިފެހެއްޓީތީ އެވެ.
ބިރުން ތުރުތުރުއަޅަމުން ފިޒާ ބަލައިލީ އޭނާ ނުވެއްޓި ހިމާޔަތްކުރީ ކާކުތޯ އެވެ. ލޯ ހުޅުވުމާއެކު ހަތަރުކަޅި ބައްދަލުވީ ކަޔާން އެވެ. ލިބުނު ޝޮކްގައި އެސްފިޔަވެސް ޖަހާލަން ނޭގިފައި ހުރެވުނީ ކަޔާންއަށެވެ. ފިޒާގެ މޫނުމަތީން ފެންނަމުންދިޔަ އިހްސާސްތައް ދެނެގަންނާން ކިޔާންއަށް ނޭގުނެވެ.
"ފިޒާ.. ވަޓް ހެޕަންޑް..؟ ވައި އާރ ޔޫ ކްރައިންގ..؟ ރޮމުން ތިހައި ބާރަށް ދުވެފައި ތިއަންނަނީ ކޮންތާކުން..؟ ކިހިނެއް ވެގެން ތި ރޮނީ..؟ އެއްޗެއް ބުނެބަލަ..؟" ފިޒާގެ އެއްވެސް ހަރަކާތެއް ނެތުމުން ކަޔާން ބިރުގަތެވެ.
ބާރަށް ކޮނޑުގައި ހިފައި ތަޅުވައިގެންފައި އޭނާގެ ސުވާލުތައް ތަކުރާރުކުރި އެވެ. މިފަހަރުވެސް ޝޮކް ލިބުނީ ކަޔާންއަށެވެ. ބޮޑުބިރެއް ފެނުނު ފަދައިން ކަޔާންގެ އަތް ހޫރުވާލާފައި ކަޔާންއާއި ތިން ހަތަރު ފިޔަވަޅު ފިޒާ ފަހަތައްޖެހިލީ ގަތްފައި ހުރި ބިރުންކަން އޭނާގެ މޫނުން ސާފުކޮށް ފެނެ އެވެ.
ކަޔާންގެ މޫނަށް ބަލައިލުމަށްފަހު ކުރިއަށްވުރެން ބާރަށް ފިޒާ ރޯންފެށި އެވެ. ގިސްލަމުން ދުއްވައިގަތީ މައިދޮރާއި ދިމާއަށެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭގި ފިޒާ ދުވަމުންގެންދިޔައީ މިސްރާބެއް ނެތި އެވެ. އަމިއްލަ ތަގުދީރާއި ފިލަން ދުވާ މީހަކު ފަދައިން ފފިޒާގެ ގައިގައި ހުރި ހުރިހައި ހަކަތައެއް ހުސްވަންދެން ދުވި އެވެ. ބަނޑުގައި ގޮށްލައި، ދެފައިކޮޅުން ލޭ އަންނަވަރުވުމުން ފިޒާގެ ދުވުން ހުއްޓާލި އެވެ. އިތުރަށް ފިޔަވަޅެއް އަޅާނެ ވަރެއްވެސް ހަށީގައި ނެތީ އެވެ.
ހުރެވުނީ އާންމުކޮށް މީހުން ހަރަކާތްތެރިވާ ހިސާބެއްގައެއް ނޫނެވެ. އަނިދިރި ބިރުވެރި ތަނެކެވެ. ވަށައިގެން ފިޒާ ބަލައިލި އެވެ. އެއީ ކޮންކްރީޓް މަސައްކަތްތައް ހިނގާ ސަރަހައްދެއްކަން ޔަގީންވުމުން އިތުރަށް ބިރުގަތްފައި ވަށައިގެން ފިޒާ އއެނބުރެން ފެށި އެވެ.
ފެނުނީ ކަނޑެވެ. ތަފާތުކުލަކުލައިގެ ބޮކިތަކެވެ. ދަތުރުކުރަމުންދިޔަ ކަނޑު އުޅަންދުތަކެވެ. އަޑުއިވެންފެށީ ތަފާތު ވެހިކަލްތަކުގެ ބަރުގޮނުގެ އަޑެވެ. ހިންދިރުވާލާފައި ކަޅި ހުއްޓާލީ އެތައް ފޫޓެއް އުސްކޮށް ހަދަންފަށާފައިފާ ވިލިމާލެ ބުރިޖަށެވެ.
އެހިސާބަށް ހުސްފަޔާއި ފިޒާއަށް ދުވެފައި އާދެވުނު ގޮތަކާއި މެދުގައި އޭނާ ވިސްނާލި އެވެ. ހެންވޭރު ސޯސަންމަގުގައި ހުރި ގެއިން ނިކުމެ، ދުވަމުން މި ހިސާބަށް އާދެވުނުގޮތެއް މީހަކު ސުވާލުކުރިޔަސް، ފިޒާ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ލިބިފައިހުރި ޝޮކާއި ގަތްފައި ހުރި ބިރު ފިޒާގެ ސިކުނޑި ފިއްތާލި އެވެ. ވަށައިގެންވަނީ އަނދިރިކަމާއި ބިރުވެރިކަމެވެ.
އައި ދިމާއަށް އެނބުރިދާ ހިޔާލެއް ފިޒާގެ ނެތެވެ. ގަދަރިހުމުގައި ދެފައި އައްސިވެ، ވިންދުޖަހަން ފަށައިފި އެވެ. ދާދިގާތުން ފެނުނު ލަކުޑި ޕެލަޓްގަނޑެއްގައި ފިޒާ އިށީނެވެ. އަމިއްލަ ހަޔާތާއިމެދު ފިކުރުކޮށްލި އެވެ. ހަޔާތުގެ އެންމެ ބިރުވެރި ރޭގެ އެ ހާދިސާ ފިޒާގެ ލޯކުރިމަތީގައި އެނބުރިގަތެވެ. އެއީ ފިޒާގެ މުޅި ހަޔާތް އަނދިރިކޮށްލި، ބިރުވެރި ހާދިސާ އެވެ. ލޯބިވާ މީހުންގެ ލޯބިން މަހުރޫމްކޮށް 'އިތުބާރު'ގެ އިބާރާތް މަތީންވެސް ފިޒާ ނަފްރަތު ކުރުމުގެ ހަގީގީ ހާދިސާ އެވެ. އެއީ ފިޒާއާއި އޭނާގެ އެންމެ ލޯބިވާ ތާބިޝްގެ ހަޔާތް ސުންނނާފަތިކޮށްލި ބޮޑު ޒަލްޒަލާ އެވެ.
މާސިންގާ ކަނޑުން ޖެހިލި ވައިރޯޅިއާއެކު، މާޒީގެ ރާޅު ފިޒާގެ ބޯމަތީން އޮއްސާލީ އެއިން މިންޖުވުމެއްނެތި އޭނާގެ ނޭވާ ތާށިކޮށްލާފަ އެވެ.
މާޒީ
ދުނިޔޭގެ ހުރިހައި އަރާމާއި އުފާ ނަސީބުގައި ނެތަސް، ފިޒާއާއި ތާބިޝް ދިރިއުޅެމުންދިޔައީ އުފަލާއި ހިތްހަމަޖެހުމުގަ އެވެ. ކަޔާންއާއި ސަވާނާގެ ބައިވެރިވުމާއެކު ފިޒާއާއި ތާބިޝްގެ ކުޑަކުޑަ ދުނިޔެ ކިތަންމެހާވެސް ފުރިހަމަ އެވެ. ހަރުކަށި މިޒާޖެއްގެ ޝަހްސިއްޔަތެއް ކަމަށްވިޔަސް ތާބިޝްގެ ބައްޕަ، މުހައްމަދު އަހްސަންގެ ހިތް ފަތަހަ ކުރުމުގައި ފިޒާގެ ލޯބިލޯބި އުފާވެރި މިޒާޖުގެ އަސަރު ނުހަނު ކާމިޔާބެވެ.
އަހްސަންގެ ހިތުން އަންހެން ދަރިއެއްގެ މަގާމު ފިޒާއަށް ލިބުމަށް މަހެއްހައި ދުވަސްވެސް ނުނެގި އެވެ. ބައްޕައާއި ދަރިފުޅާ ދެމެދުގައި އުފެދުނީ ގާތް އެކުވެރި އަދި ހަރުދަނާ ގުޅުމެކެވެ. ނަމަވެސް ތާބިޝްގެ މަންމަ ބަތްޝަބާގެ ހިތުން ހަނި ޖާގައެއްވެސް ފިޒާއަށް ފަތަހަ ނުކުރެވުނެވެ. އެދެމެދުގައި ލެވިފައިވަނީ ފޫއަޅުވާނުލެވޭފަދަ ގަދަފަދަ ކޮންކްރީޓް ފާރެކެވެ.
ތާބިޝްގެ ދިރިއުޅުން އާރާސްތުކުރުމާއި އުފާވެރި އާއިލާއެއް ބިނާކުރުމަށް ފިޒާ ކުރަމުންދިޔަ ރަގަޅު ހުރިހައި ކަމެއް ބަރުބާދުކޮށްލުމަށް ބަތްޝަބާއަށް ބޭނުންވަނީ ހިނދުކޮޅެކެވެ. ފިޒާއަށް މަލާމާތްކުރުމާއި ހިތްދަތި އިބާރާތްތަކުން ފިޒާ ފަލީހަތްކުރުމުގައި އެންމެ ސިކުންތެއްވެސް އިސްރާފުކުރުމަކީ ބަތްޝަބާ އޮޅިގެންވެސް ކުރާނެ ކަމެއްނޫނެވެ. އޭނާގެ މަސައްކަތުގައި ނުބައި ނުލަފާ ހީލަތްތެރި ރޭވުންތައް ރޭވުމުގައި ދުވަހެއް ދުވަހަކަށް ބަތްޝަބާ ދިޔައީ ދަށުދަރަޖައަށް ވެއްޓެމުންނެވެ.
ތާބިޝްއަކީ ބަތްޝަބާ އެންމެ ލޯބިވާ، އޭނާގެ އެންމެ ކިޔަމަންތެރި ބަސްއަހައި އެންމެ ރީތި ދަރިފުޅެވެ. ތާބިޝްގެ ވިސްނުން ތޫނުކަމާއި އޭނާގެ ހުނަރާ ގާބިލްކަމުގެ ސަބަބުން ތާބިޝްއަކީ، މަންމަ ބަތްޝަބާގެ ހަމައެކަނި މަގުބޫލް ދަރިފުޅެވެ. ތާބިޝްއަށްޓަކައި މުއްސަނދި އާއިލާތަކުން ރީތި އަންހެން ކުދިން ހޯދައިގެން އެކުދިންނާއި ތާބިޝް ގާތްކުރުވައި އެފަދަ ކުއްޖަކާއި ތާބިޝްކައިވެނި ކުރުވުމަކީ ބަތްޝަބާގެ ދިރިއުޅުމުގެ އެންމެ ބިޔަބޮޑު މަޝްރޫއު އެވެ. އެ ކަން ހަގީގަތަކަށްނުވެ، އޭނާގެ ހުރިހައި ހުވަފެނެއް އޮޔަށްވަޔަށް އަރައިގެން ދިޔައީ ބަތްޝަބާގެ ނުރުހުމުގައި ތާބިޝް ފިޒާއާއި ކައިވެނިކުރި ދުވަހުން ފެށިގެންނެވެ.
ބަތްޝަބާ ގަބޫލުކުރާ ގޮތުގައި އޭނާގެ ހުރިހައި އުއްމީދެއް ބަރުބާދުކޮށްލީ ފިޒާ އެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ހުރިހައި ލޯތްބެއް ލިބެނީ ހަމައެކަނި ފިޒާއަށެވެ. އެކަން ބަދަލުކުރުމަށްޓަކައި، ނަފްރަތާއި ހަސަދައިން ކުރެވުނު ކޮންމެ ކަމެއް ބަތްޝަބާ ދިޔޔައީ ރާވަމުންނެވެ.
ރެއާއި ދުވާލު އެތައް ފަހަރަކު މައިދައިތަގެ ކޮންމެވެސް ހަމަލާއެއްގައި ފިޒާ ރޯންނުޖެހޭ އެންމެ ދުވަހެއްވެސް އެ ކައިވެނީގައި އަލިނުވިލެ އެވެ. ލިބެމުންދިޔަ ފުރައްސާރައާއި ހިތްދަތި މަލާމާތާއި އެކިވަރުގެ އަނިޔާތަކަށް ފިޒާ ކެތްކުރަމުންދިޔައީ ތާބިޝްއަށްޓަކައި އޭނާގެ ހިތުގައި އޮތް ބާރުގަދަ ލޯބީގެ ސަބަބުންނެވެ. މައިދައިތަގެ ހީލަތްތެރި ހުރިހައި ރޭވުމަކަށް ފިޒާ ކުރިމަތިލަނީ އެކަންކަން ތާބިޝްއަށް އެނގޭތީއާއި އެކަންކަމުގައި ތާބިޝްގެ ނިންމުން ގިނަފަހަރު ފިޒާއާއި އެއްކޮޅަށް ނިމިގެން ދާތީ، ހިއްވަރު ލިބިގެންނެވެ. ފިރިމީހާއަށްޓަކައި ތަހަންމަލްކުރާން ޖެހުނު ކޮންމެ ވޭނަކަށް ކެތްކުރުމަށް ފިޒާ ވަނީ އަޒުމުކަނޑައަޅާފަ އެވެ.
ހޫނުގަދަ މޫސުމުގެ އުނދަގޫ ދުވަސްތަކަށްފަހު ވިއްސާރައިގެ ކުލަތަކަށް ޖައްވު ތައްޔާރުވަމުންދިޔަ ދުވަސްވަރެކެވެ. ދޭތެރެއަކުން ވެހިލާ ވާރެއިން މަގުތަށް ހަރާބުކޮށްލަ އެވެ. އެތައް ރޯގާއެއް މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާރަށް ފެތުރެމުންދިޔައީ ދެމޫސުން ބެދުނުވަގުތަށް ވާތީކަމަށް ހަބަރުތަކުގައި ލިޔެފައި ހުރި ދުވަސްވަރެކެވެ. ކަރުގައި ރިއްސައި ރޯގާގެ އަލާމާތްތަކުން ފިޒާގެ ބޯ ބަރުވެފައިވުމާއެކު ފެންފަރާލައިގެން އައިސް، ބޭސްކައިގެން ފިޒާ އޮށޯވެލި އެވެ. މަގްރިބް ނަމާދުގެ ކުރިން ތާބިޝް އަންނާނެކަން ޔަގީންވާތީ އެވަގުތަށް ހޭލަން އަޒުމުކަނޑައަޅައި ފިޒާގެ ފޯނުވެސް އަލާމް ކުރި އެވެ.
ގަދަ ނިދީގެ ތެރެއަށް ފިޒާ ގެނބިގެންދިޔައީ ހީނުކުރާހައި އަވަހަށެވެ.
ލޯހުޅުވުނީ ގަދަފަދަ އަޑުތަކުން ކަންފަތަށް ކެތް ނުވެގެންނެވެ. ބަރު އެސްފިޔަތައް ބުރަހެލިކަމާއެކު ތަޅުވާލާފައި ފިޒާ ދެ ލޯ ހުޅުވާލި އެވެ. ފެނުނު މަންޒަރުން ދެލޮލުގެ ކަޅި ބޭރަށް ނުނިކުތީ ކިރިޔާ އެވެ. ލޭހިނގަހިނގާ ހުރި ހޮޅިތަކުން އޭނާގެ ލޭ ހިކިއްޖެ އެވެ. މުޅި ގައިން ހީބިހި ނަގައިގަތެވެ.
ކުރިމަތީން ފެންނަމުންދިޔައީ ކާކުކަން ނޭގޭ ފިރިހެނެކެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ލައިގެން ހުރި ބޮކްސަރ ފިޔަވައި އެހެން އެއްވެސް އަންނައުނެއް އޭނާގެ އުނުގައި ނެތެވެ. ތާބިޝްގެ ގައިގައި ހުރި ބާރެއްލާފައި އެމީހާގެ ގައިގެ އެތަންމިތަނުގައި ތަޅަމުންދިޔަ އެވެ. ފިޒާގެ ލޯ ހުޅުވުނު އިރުވެސް އެމީހާގެ އަނގަޔާއި ނޭފަތުން ހޯސްލާފައި ލޭ ފައިބަމުންދިޔަ އެވެ.
ތާބިޝްގެ އަލިފާންފަދަ ރުޅިގަނޑު އާކުރުމަށް ޕެޓްރޯލް އަޅަމުންދިޔައީ އޭނާގެ މަންމަ ބަތްޝަބާ އެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވަނީ އެވެ. އެހުރިހައި ޒަހަމެއްގެ އިތުރުން، ބަތްޝަބާ ހެއްދެވިނެހެއްދެވިއަށް ގޮވަމުން އެދަނީ ކާކާއި ދިމާއަށްކަމެއް ވިސްނާކަށްވެސް ފިޒާއަކަށް ނޭގުނެވެ.
ފެންނަމުންދިޔަ ބިރުވެރި މަންޒަރުގެ ތެރެއަށް ފިޒާ ވަންނާނެ ހިތްވަރެއް ނުލިބުނެވެ. ނަމަވެސް އެއްޗެއް ނުބުނެ ނީދެވުނެވެ.
"ކިހިނެއްވީ، ތާބިޝް..؟" ގަތްފައި ހުރި ބިރުން ތުރުތުރު އަޅަމުން ފިޒާ ސުވާލުކޮށްލި އެވެ.
"އޯހް... މައުސޫމްކަމާއި ނިޔަނެތިކަމުގެ ރާނީ އަނެއްކާވެސް ޑްރާމާ ކުޅެންފެށީ.." ތާބިޝްއަށް ކުރި ސުވާލުގެ ޖަވާބަށް ރައްދުއައީ ބަތްޝަބާގެ ފަރާތުންނެވެ.
"ބުނަން ރަގަޅު ވާހަކައެއް..! ކަލޭގެ ތިޔަ، ޗާލާކީކަން ދައްކަން އެހެން ކޮންމެވެސް ސައުދާގަރެއް ހޯދާ.. އަހަރެންގެ ދަރީގެ މުސްތަގުބަލް ހަލާކުކުރަން ކަލެއަށް ދެނެއް ފުރުސަތެއް ނުދޭނަން.. ކަލޭގެ ކަނު ލޯބީގައި އަހަރެންގެ ދަރިފުޅު ވާވައްދައިގެން މިހާރު ހުންނާނީ ގެންގުޅެވިފައި.. ދެނެއް ކަލެއަކަށް އެފުރުސަތެއް އަހަރެން ނުދޭނަން.. ކަލޭގެ ހަޔާތްކުޑަކަމުގެ ހަގީގަތް މިއޮތީ އެންމެން ކުރިމަތީގައި ހާމައަށް ފެންނަން..! އަހަރެންގެ ދަރީގެ ދެލޮލުގައި ކަނުބަދެގެން އެހެން ފިރިހެނުންނާއެކު، ކަލެއަށް ދެނެއް ގަނޑެއް ނުގަނެވޭނެ..! އަހަރެންގެ ދަރި އަހަރެން ސަލާމަތްކުރާނަން.. ތިޔަކަހަލަ ހަޔާތްކުޑަ، ރަންޑިއެއްގެ އަވައިގައި ޖެހިގެން އަހަރެންގެ ދަރިފުޅުގެ ޒިންދަގީ ހަލާކުކުރަން އަހަރެން ފުރުސަތުދީގެން ހުންނާނެކަމަށް ކަލޭ ހީނުކުރާތި.. ހިލޭ ފިރިހެނުން ވައްދައިގެން ޒ* ކުރަން ފިރިމީހާގެ އެނދުމަތީގައި ތިއޮންނަނީ، އަޅެފަހެ ކަލޭގެ ލަދުހަޔާތްވެސް ނުލައްވަނީތަ..؟" ބަތްޝަބާގެ ދަށުދަރަޖައިގެ ހުތުރު ތުހުމަތުތަކަށް ބުނާނެ ހަމައެކައްޗެއްވެސް ނޭގި އިންތަނަށް ފިޒާ ގަނޑުވި އެވެ.
އޭނާގެ ހަރަކާތެއް ނެތެވެ. އެސްފިޔައެއްވެސް ތަޅުވާނުލަ އެވެ. ނަމަވެސް ހިފެހެއްޓުމެއްނެތި ހިމޭންކަރުނަތައް އެއިގެ މަންޒިލުގައި ދަތުރުކުރަމުންދިޔަ އެވެ.
"ފިރިމީހާ އޮފީހަށް ދިއުމުން ކޮންމެ ދުވަހަކު ހިލޭ ފިރިހެނުން ގެއަށް ވައްދައިގެން ހަ** ފައިސާއަށް ހަށިވިއްކަނީ، ކަލެއަށް އަހަރެންގެ މިހިރަ ދަރިފުޅު ކޮންކަމެއް ނުކޮށްދޭތިތަ..؟ މިއީ ކަލޭ ޒ* ކުރަން ހުޅުވާފައި ހުރި ނާސިގެއެއް ނޫން...؟" ބަތްޝަބާގެ ހަރުއަޑުން ހަޅޭއްލަވަމުންދިޔަ އެވެ.
ކާކުކަން ނޭގޭ ފިރިހެންމީހާއަށް ތާބިޝްގެ ދެއަތުން ދެވުނު ކޮންމެ އަދަބެއް ދިނުމުގައި އޭނާގެ ފުރިހަމަ ހަކަތަ ބޭނުންކުރަމުންދިޔައީ ފިޒާގެ ކުރިމަތީގަ އެވެ.
ރޯވެފައިވާ ހުޅުގަނޑަށް ޕެޓްރޯލް އެޅުމުގައި ބަތްޝަބާ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހުނެވެ. ފިޒާއަށް ލިބިފައިއިން ޝޮކުން އޭނާއަށް ނިކުމެވުނީ ބަތްޝަބާގެ އަތުކޮޅަށް ހޫރުވާލި ކުށަންއަކުން ފިޒާގެ މޫނުމަތީގައި ޖެހުނު ވަގުތު އެވެ.
ވަގުތާއި ހާލަތު ފިޒާގެ ލޮލުގެ ކުރިމަތީގައި އެނބުރިގަތީ އެވަގުތު އެވެ. ދިފާއުގައި އެއްޗެއް ނުބުނެ އެހުރިހައި ވަގުތު ހޭދަކުރެވުނީތީ ފިޒާ ވިސްނާލި އެވެ. ދެ ލޯމަރައިލާފައި އަމިއްލަ ދިފާއުގައި ހިންދިރުވާލި އެވެ. ނެއްހިއްވަރު ނެރުނީ ލޯބިވާ ފިރިމީހާއަށްޓަކަ އެވެ.
"ނޫން.. ނޫން.. މަންމާ.. ތިޔަފަދަ ހުތުރު އިލްޒާމް ނާޅުވާ.. ތިޔަ ހީކުރާ ފަދަ ހުތުރުކަމެއް އަހަރެން ނުކުރަން.. ނޫން މަންމާ.. ޕްލީޒް.. އަހަރެން އެފަދަ ކަމެއް ދުވަހަކުވެސް ނުކުރަން.." ތުރުތުރު އަޅަމުން އަމިއްލަ ދިފާއުގައި އެއްޗެއް ބުނެވޭތޯ ފިޒާ ހިތްވަރުކުރި އެވެ.
ނަމަވެސް ހާލަތު ރަގަޅުވުމުގެ ބަދަލުގައި އިތުރަށް ވީ ގޯހެވެ. ތޫފާނީ ވައިރޯޅިއެއް އެރިފަދައިން ފިޒާއާއި ދިމާއަށް ބަތުޝަބާ ދިޔަ އެވެ. ފިޒާގެ އިސްތަށިގަނޑުގައި ހިފާފައި ލުއްކިޖެހީ އިސްތަށިގަނޑު ބަލިކަށިނަމަ، ބުޑުންވެސް ލުހިގެން އަންނަހައި ބާރަށެވެ. އެނދުބުޑަށް ފިޒާ ވެއްޓުނީ އަނިޔާވެރި ގޮތަކަށެވެ. ހިމާޔަތެއް ނެތް ނިކަމެއްޗެއް ފަދައިން ފިޒާ ގުރުނޑުވެލި އެވެ.
"މައުސޫމު ތުއްތު ކުއްޖަކަށް ވާންއުޅޭނެކަމެއް ނެތް.. މިގޭ އެންމެންނަށް ކަލޭގެ ހަގީގަތް އެނގޭނެ.. އަހަރެންގެ ލޯބިވާ ދަރިފުޅުގެ ލޮލުގައި ކަލޭ ކަޅުފޮތި ބަނދެފައި ނުބަހައްޓާނަމަ، މާކުރިން ކަލޭގެ ހަގީގަތް އޭނާއަށްވެސް އޮތީހީ އެނގިފައި.. އެކަމަކު މިއަދު ހުރިހައި ކަމެއް ހާމައަށް ފެންނާން މިއޮތީ... އިތުރު ތަފްސީލަކަށް މީހަކު ބޭނުންނުވާ ވަރަށް..! ހުރިހައި އެންމެންގެ ކުރިމަތީގައި މިއަދު އެހެރަ ފިރިހެންމީހާގެ އަތުތެރެއިން ކަލޭ ދަމާނެރުނީ އަހަރެންގެ މިހިރަ ދަރިފުޅު.. ކަލޭގެ ފިރިމީހާ..! އެނގިއްޖެތަ..؟" ބަތްޝަބާގެ އަޑުގެ ނެތްތަނަށް ހަޅޭއްލަވަނީ އެވެ. ފިޒާގެ ރުއިމުގެ އަޑު މުޅި ގޭގައި ގުގުމާލާފައިވެ އެވެ.
"މަންމާ.. ތިއީ މުޅިންވެސް ދޮގު.. އަހަރެން ނުވެސް ދަންނަން އެމީހާއެއް.. ތިއީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު.. ތާބިޝް.. ކޮންމެވެސް އެއްޗެއް ބުނެބަލަ.. ޕްލީޒް..! އެފަދަ ކަމެއް އަހަރެން ދުވަހަކުވެސް ނުކުރަން..! އަހަންނަށް އިތުބާރުކުރޭ ތާބިޝް.. ޕްލީޒް" ދެއަތް ޖޯޑްކޮށް ތާބިޝް ކިބައިން ފިޒާ އާދޭސްކުރި އެވެ.
އެނދުބުޑުގައި އޮވެ، ބަތްޝަބާގެ ދެފައިގައި ހިފައި ފިޒާ ހިމާޔަތަށް އެދުނެވެ. ލޭކޮޅެއް ފަދައިން ރަތްވެފައިވާ ދެލޮލުން ތާބިޝްއަށް ފިޒާ ބަލައިލި އެވެ. ރިހުމުން ފުރިގެންވީ ބެލުމަކުން ތާބިޝް ބަލައިލިއިރު އޭނާގެ ކޯތާފަތުން ކަރުނަގަނޑު ދެމިގަތްފި އެވެ.
"ފިޒާ.. ބިރުނުގަނޭ.. ބިރުގަންނާންޖެހޭފަދަ ކަމެއް އަހަރެންވެސް އަދި ފިޒާވެސް ނުކުރޭ.. އަހަރުމެން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވޭ.. އަހަރުމެން އެކަކު އަނެކަކުދެކެވާ ލޯބި، މިތާ މިތިބި އެންމެންނަށް ބުނެދީ .. ލޯބި ވުމަކީ ކުށެށް ނޫން..، އަދި ލޯބި ކުރުމަކީ ފާފައެއްވެސް ނޫން.." އިވުނު އަޑާއެކު ފިޒާގެ ނޭވާ، ހޮޅީގައި ތާށިވި އެވެ. (ނުނިމޭ)