ކައިރާގެ ހާލަތަށްޓަކައި އަހަރެންގެ ލޭ ހޫނުވަމުންދިޔަ މިންވަރު އެހެން މީހަކަށް އަންދާޒާވެސް ނުކުރެވޭނެ އެވެ.
"ނޫން.. ތިފަދަ އެއްވެސް ކަމެއްގައި ކައިރާ ޝާމިލްކުރުވައި، އެމީހުންނަށް ކާމިޔާބު ވެފައެއް ނެތް" ހަގީގަތުގައިވެސް އަހަރެންގެ 'ޑީލް'ގައި އެންމެ އުނދަގުލުން، އެންމެ މަސައްކަތުން، އެމީހުން ފަރާތުން އޮޅުންފިލުވި ކަންކަމަކީވެސް މި އެވެ.
"އިޓް ވޯޒް ޖަސްޓް އެން އިންޖެކްޝަން..؟"
މައުސޫމް މި އަންހެން ކުއްޖާގެ ކޮންމެ ކަރުނައެއްގެ ބަދަލު އެ އަނިޔާވެރިންގެ ކިބައިން އިން ޝާ ﷲ އަހަރެން ހިފާނަމެވެ. އުމުރުގެ ބޮޑުބައި ކައިރާ އެ ހޭދަކުރީ މި ވޭނާއި ނަފުސާނީ ބޮޑު ބިރުވެރިކަމެއްގައި އެވެ.
"އެއީ ނުރައްކާތެރި އިންޖެކްޝަނެއް.... އެއިގެ ސަބަބުން ކައިރާގެ ހޯމޯންތަކަށް އައި ބަދަލު އަހަރުތަކަކަށް ދެމިގެންދާނެ.. ކޯޓިސޯލް ފަދަ ބާރުގަދަ ސްޓްރެސް ހޯމޯންތަކާއި ހަށިގަނޑުގެ ރިހުންތަކަށް ބަދަލު ގެނުވާ ބައެއް ހޯމޯންތަކަށްވެސް އެ އިންޖެކްޝަންގެ ސަބަބުން ވާނީ ވަރަށް ބޮޑަށް އަސަރުކޮށްފައި.." ކިތަންމެ އުނދަގުލަސް ހަގީގަތް ބުނެދިނީމެވެ.
އެއިން ކޮންމެ ކަމަކަށް ކައިރާއަށް ފަރުވާކޮށްދޭނަމެވެ.
ބައްދާލައިގެން ހުރުމުން ކައިރާގެ ލޮލާއި މޫނު ނުފެނުނަސް، އޭނާގެ ހިތާއި ނަފުސު އިހްސާސްކުރަމުން ދިޔަ ބިރާއި ހިތްދަތިކަން އޭނާގެ ހަށިގަނޑުން ދިޔައީ ފާޅުވަމުންނެވެ. އިހުނަށް ވުރެން ބޮޑަށް ކައިރާގެ ހަށިގަނޑު ބޮނޑިކޮށްލީމެވެ.
"މާލިކް" ނުހަނު މަޑުމަޑުން އަހަރެންގެ ނަމުން ގޮވާލި އެވެ.
"ޔެސް ޕްރިންސެސް"
"ތޭންކް ޔޫ"
"ކޮން ކަމަކަށް؟"
"އަހަރެންގެ އުމުރުގެ އެންމެ ބިރުވެރި ހާދިސާތަކުގެ ހަގީގަތް ހޯދައި ދިނުމާއި.. މިވަގުތު އަހަންނަށްޓަކައި މިހައި ގާތުގައި ހުރެދިނީތީވެ" ނުހަނު ލޯބިން ޝުކުރުވެރިވި އެވެ.
ކަރުނައިގެ ތެރެއިންވެސް އަހަރެން ހިނިތުންވީމެވެ.
"އެންމެ ފުރަތަމަ އެވާހަކަ ބުނި ވަގުތު ކަންކުރެވުނު ގޮތުން ވަރަށް ލަދުގަނެއްޖެ.. އެކަމަށް ވަރަށް ބޮޑަށް މައާފް" މަޑުމަޑުން ބުނެލި އެވެ.
"އެއްވެސް ކަމެއް ނޫން.. ހާސްނުވޭ! ޝައްކެއްގެ ތެރޭގައި އަހަރުމެންގެ ގުޅުން ފަށަން އަހަރެން ބޭނުން ނުވީ.. ކައިރާގެ ހަގީގަތް ކައިރާއަށް ބުނެދިނުމަކީ، އަހަރުމެންގެ މުސްތަގްބަލް އުފާވެރި ކުރުމަށް މުހިއްމުކަމެއް ކަމުގައި އަހަރެން ގަބޫލުކުރަން.." ހަގީގަތަށް އަހަރެން ބުނީމެވެ.
"ތޭންކް ޔޫ" ތަކުރާރުކޮށް ޝުކުރުވެރިވި އެވެ.
"އައި ލަވް ޔޫ ކައިރާ"
"އައި ލަވް ޔޫ ޓޫ މާލިކް.." މޭގައި ފިއްތާލާފައިވާ ހަށިގަނޑު ދުރުކޮށްލުމަށްފަހު އަހަރެންގެ ކަނދުރާގައި ދެ އަތުން ބައްދާލި އެވެ.
ދެ ލޮލަށް ބަލައިލުމަށްފަހު ލަދުވެތި ހިނިތުންވުމަކާއެކު ދެ ލޯ މަރައިލި އިރުވެސް ކަރުނައިގެ އަސަރު ހުއްޓެވެ. ވިސްނާލުމަށްފަހު ދެތިން ފަހަރު އަހަރެންގެ ތުންފަތުގައި ކައިރާ ލޯބި ކޮށްލި އެވެ. މިއަށްވުރެން ހިތްގައިމު އިހްސާސެއް ފިރިހެނަކަށް ލިބޭނެ ބާ އެވެ؟
އަހަރެންގެ އަމިއްލަ ނަފުސަށް ވެފައިވާ ވައުދު ކައިރާއަށް ބުނެދޭކަށް ނެތީމެވެ. އަހަރެންގެ ވަކިތަކުގެ ތެރެއިން ކައިރާގެ ބޮޑުބެއާއި އޭނާގެ އަންހެނުން ނުސޭބާއަށް ސަލާމަތެއް ނުވެވޭނެ އެވެ. މިހައިތަނަށް ޖަލުގެ ތޭރިތަކުގެ ވިހަކަން އެމީހުންނަށް ދައްކައި ނުލައި އަހަރެން މިހުރީ އެކަން ކުރާން އަހަރެން ނުކުޅެދޭތީ އެއް ނޫނެވެ. ބަދަލު ހިފުމާއި އެމީހުންގެ އަމަލުތަކުގެ ރަހަ އެމީހުންގެ ކަރުގައި ލެއްވުން އަދި އޮތީ އެވެ.
މާދަމާއަށް އަހަރެންގެ އޮފީހަށް އެމީހުންނަށް ގަޑި ކިޔާފައި ވާނީ 'އަހަރެންގެ ޑީލް' ބުނެދިނުމަށެވެ. އެ ޑީލްއަކީ އެމީހުންނަށްޓަކައި މި ދުނިޔޭގައި ކިހައި ވަރެއްގެ އަޒާބެއްކަން އެމީހުންނަށް އަންދާޒާވެސް ނުކުރެވޭނެ އެވެ. އެމީހުންގެ ސިލްސިލާގެ ސްކްރިޕްޓް ލިޔާނީވެސް، ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާނީވެސް އަހަންނެވެ. މި ދުނިޔޭގައި އިންސާފުގެ ތަރާދުން ކުށުގެ އަދަބު ފުރިހަމައަށް ރަހަ ދެކޭނެ އެންމެ ފުރިހަމަ ހާދިސައަކީ މިއީކަން ދުނިޔެއަށް ސާބިތުކޮށްދޭނަމެވެ.
ކައިރާ ބޭނުންވެއްޖެނަމަ އޭނާއަށް ތަފްސީލް ލިބޭނެ އެވެ. ސުވާލު ނުކޮށްފިނަމަ، އިންސާފާއި ހަމައިން ' ދި އެންޑް' ޖަހާނަމެވެ.
...............
ލޯބި ފިރުމުންތަކާއެކު އެކަކު އަނެކެއްގެ އުނގުގައި ހޭދަކުރެވުނު ވަގުތުގެ ކުރު ދިގުމިނެއް ނޭގެ އެވެ.
"އަހަރެންގެ މަންމަގެ ލޮބުވެތި ބަސްތަކުގެ ތެރެއިން މިރޭ އެންމެ ބޮޑަށް ހަނދާނަށް އަންނަނީ އަހަރެންގެ ހަޔާތުގެ ހަގީގީ ބައިވެރިޔާ އިހްތިޔާރުކުރުމާމެދު ބުނެފައިވާ ބުނުން.." މާޒީގެ ތެރެއިން މަންމަގެ ލޮބުވެތި ހަނދާންތަކާއި ހަމައަށް ދަތުރުކުރީމެވެ.
ޝައުގުވެރިކަމާއެކު އަހަރެންގެ އަޑު އެހުމަށް ކައިރާ ހަމަޖެހިލި އެވެ.
ސަރަހައްދު ބަނދު ކުރުމުގެ ހުއްދަ އޮތީ ފަތިސް ވަގުތާއި ހަމައަށެވެ. އެއިގެ ކުރީން މިތަން ދޫކޮށް އަހަރުމެން ދާން ޖެހޭނެ އެވެ. ވަގުތަކީ އަތުޖެހޭނެ އެއްޗެއް ނަމަ، މިރޭގެ މެންދަމުގެ ނިމުން އަޔަކަ ނުދޭނަމެވެ. ނަމަވެސް ވަގުތު ޖެހުމާއެކު ހަނދުގެ ވާޖިބު އަދާކޮށް ނިމޭނެ އެވެ. އިރުގެ މިސްރާބަށް ދަތުރު ފެށުމުގެ ކުރީން އަހަރެންގެ މަންޒިލަށް ދެވޭތޯ ބެލީމެވެ.
...................
އިރުގެ ދޯދިތަށް ފެނުން ތޮޅެލުމާއެކު ކާއިނާތުގެ ކުލަތައް ބަދަލުވާން ފަށައިފި އެވެ. ފިޔާތޮށި ކުލައާއި އޮރެންޖު ކުލައާއެކު ރަންރީނދޫ ކުލައިން މުޅި ކާއިނާތު ޖަރީވެއްޖެ އެވެ.
ކައިރާގެ ހަށިގަނޑުން ދުލެއް ނުކުރަމެވެ. ކުރިއަށް ވުރެން ބާރަށް ބައްދައިލީމެވެ. ދެ ހަށިގަނޑުގެ ވިންދު ވަކިވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ވަގުތަކީ ހިފެހެއްޓޭނެ ބާރެއް ނޫނެވެ. އަހަރެންގެ މޭގައި ކައިރާ ބޮނޑިވެލުމާއެކު އޭނާގެ ބޮލުގައި ބޮސްދިނީމެވެ. ހިތް ފުރެންދެން އެ ހިތްގައިމުކަން އިހްސާސްކުރީމެވެ.
އަނެއްކާވެސް ކުއްލިޔަކަށް ހިތަށް ވަނީ އަހަރެންގެ މަންމަގެ ބުނުމެކެވެ. 'އަހަރެންނަށްޓަކައި އެންމެ ފުރިހަމަ ހޮވުން ބައްދަލު ވުމާއެކު އަމިއްލަ ހިތާއި ނަފުސު އެކަން އިހްސާސްކުރާނެ' ކަމަށް މަންމަ ބުންޏެވެ.
އެކަމަކު ހިނިގަނޑަކުން ނިންމާލަމުން މަންމަގެ އެ ބުނުން ދުވަހަކުވެސް ސީރިއަސްކޮށް ނުނަގަމެވެ. އަހަރެންގެ ފިކުރާއި ގަބޫލުކުރުމަކީ، އެމީހަކާއި އެކު މުޅި އުމުރު ހޭދަކުރެވޭނެ މީހަކީ ކޮބައިކަމެއް ފާހަގަ ކުރުމަށް އެންމެ ބައްދަލުވުމެއް، އެންމެ ފެނިލުމެއް ނުވަތަ އެމީހަކާއިއެކު މަދު ވަގުތުކޮޅެއް ހޭދަކޮށްލުމަކުން ފާހަގައެއް ނުކުރެވޭނެ އެވެ. ދުނިޔޭގެ ފިލާވަޅާއި މަންމަގެ ތަޖުރިބާއަށް ދެކޮޅު ހެދެން ނެތްކަން މަންމައަށް މިއަދު އަހަރެން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
މަންމަގެ ކޮންމެ އިބާރާތަކީ ތެދެވެ. މަންމަގެ ކޮންމެ އިހްސާސަކީ ތެދެވެ. މަންމަގެ ކޮންމެ އަންދާޒާއަކީ ތެދެވެ.
އަހަރެންނާއެކު މި ދުވަސް ދެކެން މަންމަ ދުނިޔޭގައި ނެތްކަމުގެ އިހްސާސުން ހިތް ރޮއްވާލި އެވެ. ކައިރާދެކެ އަހަރެން ވާ ލޯބި މަންމައަށް ބުނެދެން ބޭނުމެވެ. މުޅި ދުނިޔެއިން އަހަރެން ހޮވި، ހޮވުން ފަހުރުވެރިކަމާއެކު މަންމައަށް ދައްކާލަން ބޭނުމެވެ. ބީނިޝްއާއި ކައިރާ އަކީ އަހަރެންގެ ހިތުގެ ވިންދެވެ. އެ ދެމައިންނާއި ނުލައި އަހަރެންގެ ނަފުސު އަމާންކަން އިހްސާސް ނުކުރާނެ އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;