
އެމްޑީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނާވަރު އަތުލުމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ސިޔާސީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލު ހިފުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެގްރިކަލްޗާ މިނިސްޓްރީން މިނާވަރުގެ އިންސްޕެކްޝަނެއް ހެދުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ދިޔަ އެވެ. އެ ދަތުރުގައި ފާހަގަވި ކަންކަން ރިޕޯޓެއްގެ ސިފައިގައި ނުވަތަ ލިޔުމަކުން ވެސް ހިއްސާނުކުރާ ކަމަށާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ މިނިސްޓްރީން ސިޓީއެއް ފޮނުވީ ދަތުރުގެ ހަތް މަސް ފަހުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. މިނިސްޓްރީން އެންގި ކަންކަން 30 ދުވަހުގެ ތެރޭ ރަނގަޅުކޮށް މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅި ކަމަށާއި އޭގެ ފަހުން މިނިސްޓްރީން މިދިޔަ މަހު އިތުރު ދަތުރެއް ކުރި ކަމަށްވެ އެވެ. މި ދަތުރުގައި ސިވިލް ސާވިސް މުވައްޒަފުން ގެންދަން އޮތް އޮތުން ބަދަލުކޮށް ތިން ސިޔާސީ މުވައްޒަފުން ފޮނުވިކަން އައްބާސް ވަނީ ފާހަގަކުރައްވާފަ އެވެ.
ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ހަވާލާދީ އައްބާސްގެ ބަޔާނުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް، މުއްދަތު ހަމަވުމުގެ ކުރިން އަތުލެވޭނީ ދެ އަހަރުގެ ނޯޓިސް އެއް ދިނުމަށްފަހު ކަމަށެވެ. ބަޔާން ނިންމާލަމުން ވެސް އައްބާސް ވިދާޅުވީ، މިއީ ވަކި ފަރާތަކަށް އަމާޒުކޮށް އަޅާ ބޭއިންސާފު ފިޔަވަޅެއް ކަމަށާއި ސަރުކާރުގެ މި އަމަލަކީ ހުދުމުހުތާރުކަމާއެކު ހިންގާފައިވާ ބޭއިންސާފުގެ އަމަލެއް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރުގެ ކޯލިޝަނުގައި ސިޔާމުގެ އެމްޑީއޭ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.