
ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ބޭނުންކުރާ އައިޑީ ކާޑު ބަދަލުވެގެންދާނީ ޑިޖިޓަލް އައިޑީ ކާޑަކަށް ކަމަށާއި، އެ ކާޑުގައި އެ މީހެއްގެ ހުރިހާ މައުލޫމާތެއް ހިމެނޭނެ ކަމަށެވެ. އަދި މި ކާޑަކީ ހުރިހާ ތަނަކަށް އެކްސެސްވުމަށް ބޭނުންކުރާނެ އެއްޗެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ނިޒާމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ޕްރޮޖެކްޓަކީ ހަތަރު އަހަރުގެ ޕްރޮޖެކްޓެއް ކަމަށާއި، މި ޕްރޮޖެކްޓުގެ ދަށުން ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމާއި މުޅި ސަރުކާރާއި ދައުލަތުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ބޭންކިން ނިޒާމާއި ޕްރައިވެޓް ސެކްޓަރގެ ހިދުމަތްތައް ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮޖެކްޓަށް ޚާއްސަ ގާނޫނެއްވެސް ޑްރާފްޓްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.