
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވައިފި ކަމުގެ ރިޕޯޓްތައް އާއްމުވިނަމަވެސް، ސުޕްރީމް ކޯޓުން އަދި ޖޭއެސްސީއަކުންވެސް ރަސްމީކޮށް މިކަމުގައި އަދި އެއްޗެއް ނުބުނެއެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކިވެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް އެ މަނިކުފާނުވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން އޮތް ރަސްމިއްޔާތެއްގައި ކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން، މަގާމުން ވަކިވެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް އެ މަނިކުފާނު ދެެއްވީ، ބާ އެޑްމިޝަން ސެރެމަނީގައި މިދިޔަ ފެބްރުއަރީ މަހު ވާހަކަ ދައްކަވަމުންނެވެ.
މަގާމުން ވަކިވެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ދެއްވިނަމަވެސް އޭގެ ތަފްސީލެއް އުއްތަމަ ފަނޑިޔާރު އެ ދުވަހު ނުދެއްވައެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު އެ ދުވަހު ވިދާޅުވީ، އެފަދަ ޖަލްސާއަކުން އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ދެން އެމަނިކުފާނު ފެނިވަޑައިނުގެންފާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުކަމަށް، އަހްމަދު މުއުތަސިމް އަދުނާން އައްޔަން ކުރައްވާފައިވަނީ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.
މުއުތަސިމް ވަނީ 2010 އިން 2014 އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.