މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އެ އިންސްޓިޓިއުޓްގައި ބެޗްލަރ އޮފް ޓެކްނޮލޮޖީ (ބީޓެކް) ކޯސް ފުރިހަމަކުރަމުންދިޔަ ދަރިވަރެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ދަރިވަރު އަމިއްލައަށް މަރުވެފައިވަނީ ތިންވަނަ ސެމެސްޓަރުގެ އިމްތިހާނެއްގެ ތެރޭގައި ޗެޓްޖީޕީޓީ ބޭނުންކޮށްގެން މަކަރުހަދަން އުޅެނިކޮށް އަތުލައިގަތުމާ ގުޅިގެންނެވެ. އިމްތިހާނު މާލަމުގެ ތެރެއިން އޭއައި ވަސީލަތެއް ބޭނުންކޮށްގެން މަކަރުހެދިކަން އަތުލައިގަނެވުމާ ގުޅިގެން ހިނގާދިޔަ ކަންތައްތަކަށްފަހު ދަރިވަރު ވަނީ އަމިއްލައަށް މަރުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ކޮލެޖުގެ ފެކަލްޓީ މެމްބަރަކާ ދެކޮޅަށް މައްސަލައެއް ރަޖިސްޓްރީކޮށްފަ އެވެ. ފުލުހުން އެ ފެކަލްޓީ މެމްބަރާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ދަރިވަރަށް ނަފްސާނީ ގޮތުން ގަނާކުރި ކަމުގެ ތުހުމަތާއި، އަމިއްލައަށް މަރުވުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދަމުންނެވެ. އިމްތިހާނުގައި މަކަރުހެދި މައްސަލައަށްފަހު ފެކަލްޓީ މެމްބަރުގެ ފަރާތުން ދަރިވަރާމެދު ކަންތައް ކުރެވުނު ގޮތާއި، ދަރިވަރު އަމިއްލައަށް މަރުވާން މެދުވެރިވި ހާލަތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.