
މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން މެލޭޝިއާގައި ފަރުވާ ހޯދަމުންދާ ޔުމްނު ފުރަތަމަ ފަހަރަށް މިހާރު ވަނީ ވާހަކަދައްކައިފައެވެ.
ނަމަވެސް ފުލުހުން މިހާތަނަށް ދެމުން އައި މައުލޫމާތުތަކުގައި ބުނެފައިވަނީ އެރޭ ޔުމްނު ވެއްޓުނު ފެންޓެނޯއީގެއަކީ އެމީހުންނާއި ގުޅުން ހުރި ގެއެއް ނޫންކަމަށާއި، އެ ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުން ނެތްކަމަށެވެ. އަދި ޔުމްނު އަމިއްލައަށް އެގޭގެ ފެންލައިޓަކުން ވެއްޓުނީކަމަށް ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، ޔުމްނުގެ އާއިލާއާއި ފުލުހުންގެ މި ބަޔާންތަކަކީ އެއްކޮށް ފުށުއަރާ ބަޔާންތަކެކެވެ.
ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވަނީ:
ފުލުހުން އެހެން ބުނި ނަމަވެސް، ހާދިސާއިން 6 ދުވަސް ފަހުން ގ. އެރިޔަދޫ ރައުދު އަހުމަދު ޒިލާލް (21) ހައްޔަރުކޮށްފައެވެ. ރައުދުގެ ބަންދުގެ މުއްދަތު މިހާރު ވަނީ ކްރިމިނަލް ކޯޓުން 10 ދުވަހަށް އިތުރުކޮށްދީފައެވެ.
އާއިލާ ގާތުގައި ޔުމްނު ބުނިގޮތުގައި ފެންޓެނޯއީގެއަކީ އޭނާ ކުރިންވެސް ގޮސް އުޅުނު ގެއެއްކަމަށާއި، އެގެއަށް އިންވައިޓްކޮށްފައިވަނީ ޔައްސާރުކަމަށެވެ. މިކަން ޔުމްނުގެ ދައްތަ ބުނިކަމަށް ވީނަމަވެސް، ފުލުހުން ބުނަނީ އެ ދެމީހުން ދަންނަ ބަޔަކުވެސް އެގޭގައި ނޫޅޭކަމަށް ބުނެފައެވެ.
ނަމަވެސް ޔުމްނު ވެއްޓުނުކަމަށް ބެލެވޭ ފެންލައިޓު ސަރަހައްދުން ބައެއް މީހުން ސުވާލު އުފައްދާ އެހެންކަމެއް ވެސް އެބަ އޮތެވެ، އެއީ ފެންލައިޓުގެ ކައިރީގައި ހުރި ފާރުގައި ފިޔަވަޅެއްގެ ނިޝާނެވެ.
ޔުމްނު ވެއްޓުނު ފެންލައިޓު ކައިރީގައި ހުރި ފިޔަވަޅު: ފޮޓޯ ވަން
މި ނިޝާން ހުރީ ފެންލައިޓުގެ ވާއަތްފަރާތު ފާރުގައެވެ. އަދި ކަނާތްފަރާތުގައި ވެސް ކިލާކަމެއް ހުއްޓެވެ. ފައިތިލައިގެ ނިޝާން ފާރުގައި ފެނުމުން މިހާދިސާއަކީ އަމިއްލައަށް ފުންމާލި ހާދިސާއެއްތޯ ނުވަތަ ގަދަކަމުން މީހަކު ވެއްޓުމަށް އިރުޝާދުދިން ހާދިސާއެއްތޯ ސުވާލު އުފެދެއެވެ. ފެންލައިޓުގެ ފުޅާމިނުގައި ހުރީ 20 އިންޗި އަދި އުސްމިނުގައި ހުރީ 23 އިންޗިއެވެ. އެހެންކަމުން މަސްތުވެފައި ހުރި މީހަކަށް އެތަނުން ފުންމާލުމަކީ އުނދަގޫ ކަމެއްކަމަށް ބެލެވެއެވެ.
ފެންލައިޓުގެ ދެ އަރިމަތީގައި ފިޔަވަޅު ހުރި އިރު، ފުންމާލަށް ބޭނުންވާ މީހަކު ފެންލައިޓުގެ ދެ އަރިމަތިން ފާރުގައި ފައިވިއްދަފާނެތޯ ވެސް ބައެއް މީހުން ސުވާލު އުފައްދައެވެ..
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި މާއްދީ ހެކިތަކަށް ބަލާއިރު، ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ ވަކި ކޮޅަކަށް ބުރަވާން އަދި އުނދަގޫވެއެވެ. އެހެންކަމުން މި ސުވާލުގެ ސައްހަ ޖަވާބު ލިބޭނީ މިނިވަން ތަހުގީގެއް ނިމި ރިޕޯޓު އާންމުވުމުންކަމަށް ބެލެވެއެވެ.