
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 11,754,180 ރުފިޔާއެވެ. މިއާއި އެކު މިއަހަރުގެ މިހާތަނަށް މުސަލު ޒަކާތުގެ ގޮތުގައި މިވަނީ 46.6 މިލިއަން ރުފިޔާ ލިބިފައެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 23.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 47.6 ޕަސަންޓުގެ ކުރިއެރުމެކެވެ.
މިއަހަރު މުދަލު ޒަކާތް ލިބުނު އަދަދު މަހުން މަހަށް
- ޖެނުއަރީ - 5.3 މިލިއަން ރުފިޔާ
- ފެބްރުއަރީ - 5.9 މިލިއަން ރުފިޔާ
- މާޗް - 23.5 މިލިއަން ރުފިޔާ
- އެޕްރީލް - 11.7 މިލިއަން ރުފިޔާ
މީރާއިން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 101.9 މިލިއަން ރުފިޔާއަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ބޮޑު އަދަދެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 90.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ މާރިޗު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 23.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 66.6 ޕަސަންޓުގެ ކުރިއެރުމެކެވެ.