
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކި ކުރުމަށް، ހުސްނީ މުބާރަކު މުގައްރިރުކަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެ ކޮމިޓީން އެ ނިންމުމަށް ވާސިލުވީ ބައްދަލުވުން ބޭއްވީ ސިއްރުން ނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ދެ ފަނޑިޔާރުން ވެސް އަދި ބާ ކައުންސިލުން ވެސް އެދިފައިވަނިކޮށް، އެ ފުރުސަތު ނުދޭން ނިންމާފައި އޮތުމަށް ފަހު، އެންމެ ފަހުން ކޮމިޓީގެ ބައްދަލުވުން ވެސް ސިއްރު ކޮށް، ފަނޑިޔާރުން ވަކި ކުރަން ނިންމުމަށް ފަހު ސޯޝަލް މީޑިއާގައި ހުސްނީ ވިދާޅުވީ، 19 ވަނަ މަޖްލީހުން އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓްގެ 4 ފަނޑިޔާރުން ވަކިކުރީ މަޖިލީހަށް ހުށަހެޅި ދުވަހު، ރިޕޯޓް ކިޔާލަން ވެސް ވަގުތު ނުދީ ކަމަށެވެ.
ހުސްނީ އެހެން ވިދާޅުވި ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ވަކި ކުރި ދުވަސްތަކާއި ކޮމިޓީ ރިޕޯޓްތަކުގެ ތާރީހުތަކުން ހާމަ ވަނީ ހުސްނީ ހެއްދެވީ ދޮގެއް ކަމެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ އެޖެންޑާއަށް އައީ، 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޔައުމިއްޔާ މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވެސް އެބަ އޮތެވެ. އެ ދުވަހުގެ ޔައުމިއްޔާއިން އެނގޭ ގޮތުގައި އެ ދުވަހު މައްސަލަ ފޮނުވީ ޖުޑިޝަރީ ކޮމިޓީއަށެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކި ކުރީ، ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އުއްތަމަ ފަނޑިޔާރު މަގާމުން ވަކި ކުރުމުގެ ކުރިން، ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތު ދިން ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެ ރިޕޯޓަށް ޖަވާބުދާރީވާން ދެކޮޅު ހައްދަވާފަ އެވެ.
އާދަމް މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރަން ހުށަހެޅީ ވެސް 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ކުރިން، އާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު ތަހުގީގު ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު އާދަމް މުހައްމަދަށް ވެސް ޖޭއެސްސީން ދިނެވެ. އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އެއް ބައްދަލުވުން މީޑިއާތަކުން ލައިވް ވެސް ކުރި އެވެ.
އަބްދުﷲ ދީދީގެ އަޑު އެހުން ދަރުބާރުގޭގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވިއިރު
އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމަށް، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނިންމީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ކޮމިޓީގެ ރެކޮމެންޑޭޝަނާ ގުޅިގެން، އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި މީޑިއާތަކުން ލައިވްކޮށް ދުރަށް ފޮނުވި ބައްދަލުވުމެއްގައި ދީދީއަށް ކުރެވުނު ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ 27 އޮގަސްޓް 2019 ގައެވެ. އެ ދުވަހު އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ފަހު، މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމީ ޖެހިގެން އައި ދުވަހު އެވެ. އެއީ، 28 އޮގަސްޓް 2019 އެވެ. ޖަލްސާގެ ޔައުމިއްޔާ މަޖިލީހުގެ ވެބްސައިޓުގައި އެބައޮތެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަކި ކުރި ސުޕްރީމް ކޯޓުގެ ހަތަރު ވަނަ ފަނޑިޔާރަކީ އަބްދުލް ގަނީ މުހައްމަދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ގަނީ މަގާމުން ވަކި ކުރަން ޖޭއެސްސީން ނިންމި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ 27 ނޮވެންބަރު 2019 ގައެވެ. ގަނީ މަގާމުން ވަކި ކުރީ، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.