
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ "މޯލްޑިވްސް 2.0" ސަމިޓު ނިންމުމަށް ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ.
އިހުސާން ވިދާޅުވީ ދައުލަތުގެ ގިނަ އިދާރާތަކުގައި ހުރީ އެތަނަކުން ދޭ ހިދުމަތް ޕޯޓަލްއެއް މެދުވެރިކޮށް ނުވަތަ ފޯމުތައް ފުރައި އީ-މެއިލް މެދުވެރިކޮށް ހިދުމަތަށް އެދެވޭ ގޮތް ހަދައިފައި ކަމަށެވެ. އެއް އިދާރާއަކުން ދޫކުރާ ހުއްދަ ނުވަތަ ސެޓްފިކެޓުގެ ކޮޕީ އަނެއް އިދާރާގެ ޕޯޓަލްއަށް އަޕްލޯޑު ކުރަން ޖެހޭ ކަމަށާއި އަދި އެ ވެރިފައި ކުރުމަށް ދެ އިދާރާގެ މެދުގައި އަނެއްކާ މުއާމަލާތްތައް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މިއީ އީވޯޓިންގއަށް ސަރުކާރުން ތައްޔާރުކުރަމުންދާ ނިޒާމެއްކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ވަޒީރު އިހުސާންވަނީ އެފަދަ ކަމެއް ހިނގަމުން ނުދާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓުގައި އެކުލަވައިލި ގައުމީ ޑިޖިޓަލް އިގުރާރާ އެކު ރައީސް މުއިއްޒު އަދި ސަމިޓުގެ އެހެން ބައިވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން - ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އިތުރަށް ވިދާޅުވީ "މޯލްޑިވްސް 2.0"ގައި ސަރުކާރުން ޤާއިމުކުރާނީ ހާމަކަން ބޮޑު ނިޒާމެއްކަމަށެވެ. މިނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީނުކޮށް، ހިދުމަތްދެވޭ ސިސްޓަމްތަކެއް ގާއިމުކުރެވޭނެކަމަށެވެ.
އަދި ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅިފައިވާ އަދި ތަކުރާރުކޮށް އެއްމަޢުލޫމާތުތަކެއް އިދާރާތަކަށް ހުށައަޅަން ނުޖެހޭނެ ފަދަ ނިޒާމަކަށް މިނިޒާމުވެގެންދާނެކަމަށް އިހުސާން ވިދާޅުވި އެވެ. އަދި މިނިޒާމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީގޮތުން ވަރުގަދަ ސައިބަރ ނުރައްކަލަށް ކުރިމަތިލެވޭފަދަ ނިޒާމެއްކަމަށާއި އަދި ޒިންމާދާރުކަމާއެކު ނަތީޖާ ނެރެވޭ އަދި ހަރަދު ކުޑަ ނިޒާމަކަށް މިނިޒާމުވެގެންދާނެކަމުގެ ޔަގީންކަން އިހުސާން ވަނީ މިރޭ ދެއްވާފަ އެވެ.