ads
ވާން މިއުޅެނީ ކިހިނެތް؟ މުޅި ދުނިޔޭގައި މަޝްވަރާ..!
އދ އަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މުޅި ދުނިޔޭގެ ސުލްހައަށް ބަސްބުނަން 1945 ވަނަ އަހަރު އުފެދުނު ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އދ.ގެ އާންމު މަޖިލީހަކީ އެ ޖަމިއްޔާގެ އަމަލުތައް ކަނޑައަޅާ މައިގަނޑު ބައްދަލުވުމެވެ. މިއީ އދ.ގެ މެމްބަރު 193 ގައުމެއްގެ މަންދޫބުން ހިމެނޭ ހަމައެކަނި އެއްވުމެވެ.
Advertisement

އދ.ގެ އުސޫލުތައް އިރެއްގައި ދުނިޔެއިން ގަބޫލުކުރަމުން ދިޔައީ އިންސާނިއްޔަތު އެއްބައިވަންތަކޮށްދޭ އުސޫލުތަކަކާއި އަގުތަކެއްގެ ގޮތުގަ އެވެ. އދ. އަކީ ސުލްހަ އާއި ހަމަހަމަކަމާއި އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމުގެ ކަށަވަރުކަން ދޭ ޖަމިއްޔާއެއްގެ ގޮތުގައި އެވެ.

ނަމަވެސް މިއަދު ހާލަތާއި މަންޒަރު ބަދަލު ވެއްޖެ އެވެ. އދ. އަށް މެންބަރު ގައުމުތަކުން އދ. ގެ މުއައްސަސާތަކަށް ކުރަމުން އައި އިތުބާރު މިހާރު ވަނީ ވަރަށް ބޮޑު ތަނުން ގެއްލިފަ އެވެ. އެހެންވީ އދ. އަށް ދުނިޔޭގެ ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާނުކުރެވުނީ މައެވެ. އދ. އަށް ހަމަ ހަމަ ތިލަފަތަކުން ދުނިޔޭގެ ގައުމުތަކާއި ދުނިޔޭގެ ލީޑަރުންގެ ނިންމުންތައް ކިރާ ނުލެވުނީ މައެވެ. އދ.ގެ މަގުސަދުތައް ހާސިލު ނުވުމުން ބައެއް ގައުމުތަކުން މިއަދު އދ. ވަކިވާން ވެސް ތިބީ އެދިއެދި އެވެ. ތެދެކެވެ. ދުނިޔެއަށް މިވަގުތު ބޭނުންވަނީ ދައްކާ ވާހަކައާ އެއްގޮތަށް އަމަލުކުރާ އދ. އެކެވެ. 

އދ. އަށް ދުނިޔޭގެ ސުލްހާގެ "ޗެންޕިއަންކަން" ގެއްލުނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލު ކުރަމުންދާ އަނިޔާވެރި އަމަލު ނުހުއްޓުވުނީމަ އެވެ. އަދި އެކަމުގައި ފަހަތު ފަޔަށް އދ. ބުރަވީ މައެވެ. އެމެރިކާއާއި އިނގިރޭސީން އަރާ މުޅި އަފްގާނިސްތާން ސުންނާފަތި ކޮށްލިއިރު އދ. އޮތީ ކުޅިބަލާށެވެ. ސައުދީން ޔަމަން ސުންނާފަތިކޮށްލިއިރު އދ. އޮތީ ނިދާފަ އެވެ. މިއަންމާގެ އަސްކަރިއްޔާއިން ރޮހިންނާ މުސްލިމުން ގެދޮރުންނެރެ ހުޅުޖެހިއިރު އަދި ބޮސްނިޔާގެ މުސްލިމުން ނަށް ދިން އަނިޔާ އދ. ގެ ކަންފަތަކަށް ނީވެ އެވެ. އެފްރިކާގެ އެތައް ގައުމެއް ނިކަމެތިވެ އިންސާނީ ބޮޑު ކާރިސާއަކާއި ހަމައަށް ދިޔައިރު އދ. ގެ ކަހާ ގައި ހިރުވާ ވެސް ނުލަ އެވެ. މިފަދަ ކިތަންމެ ހާދިސާ އެކެވެ. މި ހާދިސާ ތަކުން ލިބުނު ފިލާވަޅުން އދގެ ސުލްހައިގެ މޭޒަށް އަދި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް ދުނިޔޭގެ އިތުބާރު މިއަދު ވަނީ ކުޑަވެފަ އެވެ.

your imageއދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަނީ

ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގެ އެކި ބިތުގައި ހިނގާ ހަމަނުޖެހުމާއި ދެބަސްވުމުގެ އަރާރުންތަކުގެ ސުލްހަޔަށް އަދި ސަރަހައްދީ ނުތަނަވަސްކަމުގެ ގަދަހިފުންތަކުގެ ސުލްހައިގައި މިއަދު އިސްނަގަނީ ވަކިވަކި ގައުމުތަކެވެ. މިއަދު ދުނިޔޭގެ ވަކިވަކި ގައުމުތަކުން ވަނީ އދ، އިސްވެހިންގާ ސުލްހައިގެ މަސްވަރާގެ މައްޗަށް ގަދަވެގަނެފަ އެވެ. 

އެގޮތުން އދ. ގެ ބައިވެރިވުމެއް ނެތި ދުނިޔޭގެ ހަތަރު ބިތުގައި ވެސް މިހާރު ހިނގަނީ ސުލްހަވުމަށް އެދި ކުރާ މަޝްވަރާތަކެވެ. ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް "ބަލިމަޑުކަމަކީ" ހަނގުރާމަ ކޮށްގެން ވަކިބަޔަކަށް މޮޅެއް ނެތް ކަމުގެ ވަކާލާތުތަކެވެ. ވާހަކަ ދައްކައިގެން ކަންކަން ދެބަސްވުންތަކާއި ހިޔާލުތަފާތުކުރުން ކުޑަ ކުރުމުގެ މަޝްވަރާއެވެ. އެއް ބާރުން އަނެއްބާރަށް ދޫ ދިނުމުގެ ބަހުސް ތަކެވެ. 

މިފަދަ ބައެއް މަޝްވަރާތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑެތި ބާރު ތައް ވެސް ވަނީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ދޫ ދޭން ފަށާފައި އެވެ. ދުވަހަކުވެސް މަޝްވަރާއިން ނުފެންނާނެ ކަމަށް ހީވި ބައެއް ދުނިޔޭގެ ލީޑަރުން ހިމެނިވަޑައިގަންނަވާ ގޮތުގެ މަތިން ނެވެ. ބައެއް މަޝްވަރާގެ ތަފްސީލުތައް ހިއްސާކޮށްލާނަމެވެ.

  • ޓެރިފްގެ ހަނގުރާމަ ނިންމަން އެމެރިކާއާއި ޗައިނާގެ މަޝްވަރާ ކުރިއަށް

ޓްރަމްޕްގެ ރިޔާސީ ދެވަނަ ދައުރުގައި އޭނާ އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމާއެކު އެމެރިކާ "ދުޝްމަން" ވިޔަފާރިތަކަށް ދަތިކުރުމުގެ ވިޔަފާރީގެ އުކުޅުތަކެއް ބޭނުން ކުރަން ފެށި އެވެ. އެގޮތުން ގައުމުތަކުގެ މުދަލުން އިމްޕޯޓް ޓެކްސް އާދަޔާ ހިލާފަށް ބޮޑުކޮށް ނެގުމަށް އިއުލާނު ކުރެއްވި އެވެ. އަދި މި ބޮޑުކުރުން އެންމެ ބޮޑަށް އަމާޒު ކުރީ އެމެރިކާގެ ވާދަވެރިޔާ ޗައިނާ އަށެވެ. އެގޮތުން އެމެރިކާއިން ޗައިނާގެ މުދަލުން 145 ޕަސެންޓާ ހަމަޔަށް ޓެރިފްތައް ބޮޑުކުރި އެވެ. 

ނަތިޖާ އަކަށްވީ ޓްރަމްޕު ޗައިނާގެ މުދަލުން ޓެރިފް ބޮޑުކޮށް ފެއްޓެވި ވިޔަފާރީގެ ހަނގުރާމަ ހޫނުވަމުން ގޮސް އެންމެ ފަހުން ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގައި ޓެރިފް ނަގަން ފަށާނެކަން އިއުލާނުކުރުމެވެ. 

އޭގެފަހުން މުޅި ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ދެމެދުގައި ޓެރިފްގެ ހަނގުރާމަ ހައްލުނުވެ ވާހަކަދައްކާ މަޝްވަރާ ކުރުމަށް ދެ ގައުމުން ވެސް ބޭނުންވި އެވެ. ޗައިނާއާ ދެކޮޅަށް އެމެރިކާއިން އިއުލާނު ކޮށްފައިވާ ޓެރިފްތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރުމަށް ދެ ގައުމުގެ ދެމެދުގައި ސްވިޒަލެންޑުގެ ޖެނީވާގައި މަޝްވަރާތައްކުރިއަށް ގެންދަން ފެށި އެވެ.

your imageހިއްސާގެ ބާޒާރެއްގެ އަގުތައް ފެންނަ ބޯޑެއް ކައިރިން މީހަކު ހިނގާފައި ދަނީ: ޗައިނާއިން މިހާރު ވަނީ އެމެރިކާގެ މުދަލުން 125 ޕަސެންޓުގައި ޓެރިފް ނަގާނެކަން އިއުލާނުކޮށްފައި. - ފޮޓޯ: އޭއެފްޕީ

ޗައިނާއިން އެމެރިކާއަށް އެތެެެރެ ކުރާ މުދަލުން 100 އިންސައްތައަށްވުރެ ބޮޑު ޓެރިފެއް ނެގުމަށް އެމެރިކާއިން ނިންމުމުން ޗައިނާއިން ވެސް ވަނީ ހަމަ އެ ފަދަ ޓެރިފެއް ޗައިނާއަށް އެމެރިކާއިން އެތެރެކުރާ މުދަލުން ނެގުމަށް ނިންމައިފަ އެވެ. ޓެެރިފްތައް ތައާރަފް ކުރި ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ބޮޑުވަޒީރުގެ ނައިބު ހަ ލިފަންގއާއި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެނެސްޓާއި އެމެރިކާގެ ވިޔަފާރިއާބެހޭ މަންދޫބު ޖެމީސަން ގްރިއަރ ބައްދަލުވެފައި ވަނީ ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކުންނެވެ. މެއި މަހުގެ 10ވަނަ ދުވަހު ފެށި މަަޝްވަރާތައް އެ ދުވަހު އަށް ގަޑިއިރަށް ދެމިގެން ގޮސްފައިވެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އިގުތިސާދީ މުޝީރު ކެވިން ހެސެޓް ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވުމަށް ޗައިނާއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އަލުން ހަރުދަނާ ކުރުމަށް އެ ޤގައުމުން ބޭނުންވާ ކަމަށެވެ. ހެސެޓް އިތުރަށް ވިދާޅުވީ މި ހަފްތާގެ ތެރޭގައި އެމެރިކާއިން އިތުރު ގައުމުތަކާއެކު ވެސް ވިޔަފާރީގެ އެއްބަސްވުންތައް ގާއިމު ކުރާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ވިދާޅުވެފަ އެވެ. ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް މަޝްވަރާ ކޮށްފައިވާ ކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ ދެ ގައުމުން "އާ ފެށުމަކުން ފަށަން" އެއްބަސްވެ ބިނާ ކުރަނިވި ގޮތަކަށް އެ ކަން ހާސިލް ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

  • އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލާ މަޝްވަރާއަށް

އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެ ދެ ގައުމުން އެއްބަސް މީގެ ތިން ދުވަސް ކުރިން ނެވެ

މިކަން ފުރަތަމަ އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭނާ ވިދާޅުވީ އެމެރިކާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ވަރަށް ގިނައިރު ވަންދެން ކުރި މަޝްވަރާތަކަށް ފަހު، ހަމަލާތައް އެއްކޮށް އަދި ވަގުތުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެއްޖެކަން އުފަލާ އެކު އިއުލާނުކުރާކަމަށެވެ.

ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރި އިރު މިފަހުން ވަނީ އިންޑިއާ އާއި ޕާކިސްތާނުން އެއް ގައުމުން އަނެއް ގައުމަށް ވަރަށް ވަރުގަދަ ހަމަލާތައް ދިނެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވިކަން އިންޑިއާ އާއި ޕާކިސްތާނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރް ސޯޝަލް މީޑިއާގައި ވިދާޅުވީ "އިންޑިއާ އާއި ޕާކިސްތާނުން ވަނީ ހަމަލާތަކާއި އަސްކަރީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމާ މެދު އެއްގަލަކަށް އަރާފައި" ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން އަބަދުވެސް ހަމަލާދޭނީ ޓެރަރިސްޓުންނަށް ކަމަށާއި އަސްކަރިއްޔާއާ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ

މި އެއްބަސްވުން ތަންފީޒުކުރުމުގެ އިރުޝާދު ދެ ގައުމުގެ ސިފައިންނަށް ދީފައިވާ ކަމަށާއި އަދި ހަމަލާތައް ހުއްޓާލުމުގެ ކަންކަމާ އިތުރަށް މަޝްވަރާކުރުން މި މަހުގެ 12 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

your imageޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީގައި އޮންނަ ވިލެޖެއްގައި ގާއިމުކޮށްފައި ޗެކް ޕޯސްޓެއްގައި ހުރި ޕާކިސްތާނު ސިފައިންގެ މީހަކާ އާންމުންގެ މީހަކު ސަލާންކުރަނީ

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު، ވިދާޅުވީ ހަމަލާތައް ހުއްޓާލަން އިންޑިއާއާ އެކު ވީ އެއްބަސްވުމަކީ ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް އެއްބަސްވީ "ރަނގަޅު އަންޑަސްޓޭންޑިން" އެއްގެ ތެރޭގައި ކަމަށާއި މިހާރު ދެ ގައުމުގެ އަސްކަރީ ހޮޓްލައިންތައް މެދުވެރިކޮށް މުއާސަލާތު ވެސް ކުރާނެ ކަމަށެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވިކަން އިއުލާނުކުރުމާ އެކު އިންޑިއާ އާއި ޕާކިސްތާނުގައި ވެސް އާންމުންނަށް ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ. އަދި ޕާކިސްތާނުން މިހާރު ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފަ އެވެ.

ކަޝްމީރުގައި މިދިޔަ މަހު އާންމުންގެ 26 މީހަކު މަރާލި ހަމަލާގެ ޒިންމާ ޕާކިސްތާނުން އުފުލަންޖެހޭ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިނުމުން ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ އެކި އަމާޒުތަކަށް ހަމަލާ ދީފަ އެވެ. 

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ޒަމާނީ ޖެޓުތަކާއި ޑްރޯން ގިނަ އަދަދަކަށް ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ދާއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދިޔައީ ގޮވާލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ހަމަލާތައް ހުއްޓާލަން ދެގައުމުވެސް ބޭނުންވެ އެވެ. ހަނގުރާމަ ކޮށްގެން އެއްވެސް ފައިދާއެއް ހާސިލް ކުރުމަކީ ދެގައުމުންކުރެ އެއް ގައުމަކަށްވެސް ކުރެވޭނެ ކަމެއް ނޫންކަން ދެގައުމުވެސް ގަބޫލުކުރެއެވެ. އެއީ އެއްވެސް ގައުމެއް އަސްކަރީ ގޮތުން ބަލިކޮށްލުމުގެ ގާބިލްކަން އަނެއްގައުމުގައި ނެތުމުންނެވެ.

ދެގައުމުގެ އަސްކަރީ ތިލަފަތް ދާދި އެއްވަރުވަރެއްގައި ވުމުންނެވެ. ޕާކިސްތާނާ އަޅާބަލާއިރު އިންޑިއާގައި ހަތިޔާރާއި ސިފައިންގެ އަދަދު ގިނަ ނަމަވެސް އަދި އިންޑިއާގެ އިގްތިސާދު ޕާކިސްތާނުގެ އިގްތިސާދަށް ވުރެ ވަރުގަދަ ނަމަވެސް ކޮލިޓީ މޮޅު ހަތިޔާރު ގިނަކަމަށްވަނީ ޕާކިސްތާނުގަ އެވެ. އަދި ސިފައިންގެ ލަޝްކަރުތައް ޕްރޮފެޝަނަލް ވެފައި ސިފައިންގެ ތަމްރީންތައްވެސް މޮޅީ ޕާކިސްތާނުގައި ކަމަށް ދެގައުމުގެ އަސްކަރީ ތިލަފަތް ދިރާސާކުރުމަށްފަހު ވޯލްޑް ފަޔާ ޕަވަރ އިން ނެރެފައިވާ ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ޒަމާންވީ ރުޅިވެރިކަމެއް އޮންނައިރު، ދެ ގައުމުގެ ބޯޑަރު ކައިރީގައި ދޭތެރެއަކުން ހަމަލާތައް ބަދަލުކުރެއެވެ. ދެ ގައުމުން ވެސް ކަޝްމީރަށް އެއްކޮށް ވަކާލާތު ކުރާއިރު، އެ ސަރަހައްދުގައި ވެސް ބައެއް ފަހަރު ދެ ގައުމުގެ ތަޅާފޮޅުންތައް ހިނގަ އެވެ. 

ކޮންމެއަކަސް އިންޑިއާ އެދުމަށް ޕާކިސްތާން/އިންޑިއާގެ މަޝްވަރާތައް ނިއުދިއްލީގައި ބޭއްވުމަކީ ސާކް ސަރަހައްދުގެ ސުލްހައަށް ލިބުނު ވަރަށް ބޮޑު މޮޅެކެވެ. ފަގީރުކަން ބޮޑު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުން ތިބީ ހަނގުރާމަ ބަލަން ތިބޭ ވަރަށް ވުރެ ފަގީރު ހާލުގައި އެވެ.

  • ރަޝިޔާ-ޔޫކްރެއިން ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޕުޓިން ހުށަހަޅުއްވައިފި

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރައީސް ވްލަޑިމިޔަރ ޕުޓިން ހުށަހަޅުއްވައިފި ކަމަށް އިއްޔެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި އެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމާ ގުޅޭ ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޕުޓިން ހުށަހެޅުއްވުމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ދައުވަތަށް މަރުހަބާ ދަންނަވާފަ އެވެ. އޭނާ ވިދާޅުވީ ޕުޓިންގެ ހުށަހެޅުއްވުމަކީ، "ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއިން އެންމެ ފަހުން ބޭނުންވާ ކަމުގެ ބިނާކުރަނިވި ނިޝާނެއް،" ކަމުގައެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ އިތުރަށް ވިދާޅުވީ މެއި މަހުގެ 15ވަނަ ދުވަހު އޭނާ ތުރުކީވިލާތުގައި ޕުޓިންގެ އިންތިޒާރުގައި ހުންނަވާނެ ކަމަށެވެ. މި ފަހަރު ރަޝިޔާއިން އެއްވެސް ބަހަނާއެއް ނުދައްކާނެ ކަމަށް އުންމީދު ކުރައްވާނެ ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވެ އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ މި ވަގުތު ހުޅަނގާއި ވިލާތަށް ކުރިމަތިވެފައި އޮތް އެންމެ ނުރައްކާތެރި ހާލަތެވެ. އަދި، 1962ވަނަ އަހަރުގެ ކިޔުބާ މިސައިލް ކާރިސާއަށް ފަހު، ހުޅަނގާއި ރަޝިޔާއާ ދެމެދު ހިނގާ އެންމެ ބޮޑު ކުރިމަތިލުމެވެ. މިއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ބައްރުގައި ހިނގާ އެންމެ ބޮޑު ހަނގުރާމަ ވެސް މެއެވެ.

your imageކްރައިމިއާ ބްރިޖުގެ ހަމަލާއާ ގުޅިގެން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އޭއެފްޕީ


ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޕުޓިން ޔޫކްރެއިނަށް ދަޢުވަތު އަރުވާފައި ވަނީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގަ އެވެ. ޕުޓިން ހުށަހަޅުއްވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ތުރުކީވިލާތުގެ އިސްތަންބޫލުގައި ބޭއްވުމަށެވެ. ނަމަވެސް، މަޝްވަރާތައް ފެށުމުގެ ކުރިން ޔޫކްރެއިނުން ހުށަހަޅާ އެއްވެސް ޝަރުތެއް ބަލައިނުގަންނަވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ހަނގުރާމަ ހުއްޓުވުމަކީ އޭނާގެ ރިޔާސީ ވައުދެކެވެ. ސީދާ މަޝްވަރާތައް ބޭއްވުމަށް ޕުޓިން ޒެލެންސްކީއަށް ދަޢުވަތު އެރުވުމުން ޓްރަމްޕް ވަނީ އެ ގޮވައިލުމަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި އެއީ، އާ ދުވަހަކަށް އަލިވިލުމުގައި ގޮތުގައި ސިފަ ކުރައްވާފަ އެވެ. 


  • ދޫނުދޭނެކަމަށް ބުނަމުން އީރާނާއި އެމެރިކާއިން ނިޔުކްލިޔަރ މަޝްވަރާތައް އަލުން ފެށުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް، އީރާނުގެ ނިއުކްލިޔަރ މަޝްރޫއުއާއި ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ވެސް މިހާރު ވަނީ އަލުން ފަށައިފަ އެވެ.

އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، މަޝްވަރާގެ ތެރެއިން ހައްލެއް ހޯދަން ބޭނުންވާ ކަމަށް އީރާނާއި އެމެރިކާއިން ވެސް ބުނަމުންދިޔަނަމަވެސް، މި މަޝްވަރާތަކުގެ ތެރެއިން ވެސް ދެ ފަރާތުން ވެސް ދޫދޭން ބޭނުންނުވާ ގިނަ ކަންކަން އެބަހުއްޓެވެ.

އުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ތިން ފަހަރެއްގެ މަތިން މަޝްވަރާތައް ކުރެވިފައިވާއިރު، މި މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު މަސްކެޓުގައި ބޭއްވުމަށް ވަނީ ތައްޔާރުވެފަ އެވެ.

މި މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ ހާރިޖީ ވަޒީރު އައްބާސް އރާގިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އެވެ.

އުމާނަށް ފުރާވަޑައިގެންނެވުމުގެ ކުރިން އަރާގިޖީ މީޑިޔާތަކަށް ވިދާޅުވީ، މިކަމުގައި އީރާނުން ބޭނުންވާ ގޮތް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަށާއި މި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ހާސިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

your imageނިއުކްލިޔާ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ އާއި ޓްރަމްޕްގެ މަންދޫބު ވިޓްކޯވް

ވިޓްކޮފް ވިދާޅުވީ، އީރާނުން ނިޔުކްލިޔަރ ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރަން ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި މިހާރު ކުރެވޭ މަޝްވަރާތަކުން ހަރުދަނާ ނަތީޖާއެއް ނުނެރެވިއްޖެނަމަ، މި ކަމުގައި އިތުރު މަގެއް ހިޔާރުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ރައްދުގައި އަރާގިޖީ ވިދާޅުވީ، އީރާނަށް ލިބިފައިވާ ނިޔުކްލިޔަރ ހައްޤު ދޫކޮށްނުލާނެ ކަމަށާއި އޭގެތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުން ހިމެނޭ ކަމަށެވެ. މަޝްވަރާތަކުން އެދެވޭ ޙައްލެއް ނުލިބިއްޖެނަމަ، އީރާނަށް ހަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ.

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާ އެކު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލި އެވެ. ނަމަވެސް، އެ އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ 2018ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގަ އެވެ.

  • "ބަނޑަށް ޖެއްސުމުގެ ހަނގުރާމަ" ކުރާތީ އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް

މަޝްވަރާތަކުން ކުރިއެރުމެއް ނުލިބި ދިގުދެމިގެންގާ އެންމެ ބޮޑު އެއް ހަމަ ނުޖެހުމަކީ ނުވަތަ ހަނގުރާމައަކީ ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމެވެ. މީ ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައި މުޅި ދުނިޔެވެސް ދެކެއެވެ. އެގޮތުން ފަލަސްތީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ކުރަމުންދާ އިސްތިއުމާރީ ވެރިކަމާއި ހިންގަމުންދާ ޖަރީމާތައް ދިރާސާ ކުރުމަށް އެކުލަވައިލާފައިވާ އދގެ ހާއްސަ ކޮމިޓީން މިފަހުން ބުނީ ޔަހޫދީންގެ މަގުސަދަކީ ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަތުން ކަމުގަ އެވެ. އަދި، އިސްތިއުމާރީ ބާރު އެހެން ސަރަހައްދުތަކަށް ފެތުރުން ކަމުގަ އެވެ. 

1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ޤާއިމު ކުރުމަށް ވެސް ޔަހޫދީން ވަނީ، ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާ އެކު، ޣައްޒާގެ ބިންތައް ފޭރިގަނެފައެވެ. އަދި، އެ ބިންތަކުގެ އަހުލުވެރިން އަމިއްލަ ވަޒަނުން ބޭރުކޮށް، ރެފިއުޖީ ކޭމްޕުތަކަށް ބަދަލު ކޮށްފައެވެ. ނިކަމެތިކޮށް ހާލުގައި ޖައްސާފައެވެ. އެ ދުވަހަށް ފަހު ފަލަސްޠީނުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު އުމުރު ދުވަސް ހޭދަ ކޮށްފައި ވަނީ ރެފިއުޖީންގެ ގޮތުގައެވެ. އަމިއްލަ ދައުލަތެއް، ވަޒަނެއް ނެތް ބަޔެއްގެ ގޮތުގަ އެވެ. 

މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ވަރަށް ގިނަ މަޝްވަރާތަކާއި ބައްދަލުވުންތަކާއި ސައްލާތައް ސިއްރާއި ފާޅުގައި ކުރެވިއްޖެ އެވެ. ނަމަވެސް އިޒްރޭލު ޖައްބާރު ލީޑަރުންގެ ގޮތްދޫނުކުރުމާއި ބޮޑާ ކަމުގެ ސަބަބުން ފަލަސްތީނުގެ ބިމަށް އަދިވެސް ވަނީ ދާއިމީ ހައްލެއް ނުލިބި އެވެ.

އިޒްރޭލުން ޣައްޒާގައި ކުރަނީ ބަނޑަށްޖެއްސުމުގެ ހަނގުރާމައެއް ކަމަށާއި، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދިނުމަށް އަލުން ތައްޔާރުވަމުންދާއިރު އިޒްރޭލާ އެކު ބޭކާރު ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިފަހުން ވަނީ ބުނެފަ އެވެ.

ހަމާސްގެ އިސް އޮފިޝަލަކު މިހެން ވިދާޅުވެފައި މިވަނީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ ގެދޮރު ގެއްލި، އިޒްރޭލުގެ ދެ މަސް ދުވަހުގެ ހިސާރުގެ ސަބަބުން އިންސާނީ ކާރިސާ އިތުރަށް ގޯސްވެފައިވާ ޣައްޒާގައި ހަމަލާ ފުޅާކުރަން އަސްކަރީ ޕްލޭނަކަށް އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ރުހުން ދިނުމާ ގުޅިގެންނެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ޣައްޒާގެ ކުރީގެ ހެލްތު މިނިސްޓަރު ނާއިމް ވިދާޅުވީ "ބަނޑަށް ޖެއްސުމާއި މީހުން މެރުމުގެ ޖަރީމާތައް" ހުއްޓާލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް މުޅި ދުނިޔެ ޕްރެޝަރު ކުރަންޖެހޭ ކަމަށެވެ.

your imageފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ބްރޫސެލްގައި ބޭއްވި އެއްވުމެއްގައި ފަލަސްތީނުގެ ދިދަ ހިފައިގެން - ފޮޓޯ:ގެޓީ

އިޒްރޭލުން ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފަ އެވެ. އިސްރާއީލުގެ އަސްކަރިއްޔާއިންނާއި ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިިޔާތައް ދެމުންދާ ކަމާއި، ޖިންސީ އަނިޔާ ވެސް ހިމެނޭ ގޮތުން އިންސާނިއްޔަތު ކަމެއް ނެތް އަދަބުތައް ދެމުންދާ ކަމާއި އަދި އެ ފަދަ އަމަލުތައް އިސްރާއީލުގެ ޖަލުތަކުގައި ވެސް ފަލަސްތީނުގެ ދިފާއުގައި ބަސް އުފުލާ ކޮންމެ މީހަކާއި ދެކޮޅަށް އަންނަނީ ހިންގަމުން ކަން ދުނިޔެ ހެކިވެ އެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 52،439 މީހުން ޝަހީދުކޮށްލާފައިވާއިރު، 127،416 މީހުން ވަނީ ޒަހަމްކޮށްލާފަ އެވެ. 

އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެންމެ އިސް ދައުރެއް އަދާކުރާ ގަތަރުން ބުނަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް "ގަތަރުން އަދިވެސް މަސައްކަތްތައް ކުރިއަށްދާ" ކަމަށެވެ. މި ހަނގުރާމައިގެ ކިތަންމެ މަޝްވަރާއެއް ދުނިޔޭގެ އެތައް ހިސާބެއްގައި ކުރިއަށް ދިޔަނަމަވެސް އަދި އެދެވޭ ދާއިމީ ހައްލެއް މި މައްސަލައަކަށް ނެތެވެ. 

ނަމަވެސް ދުނިޔޭގެ ސުލްހައަށް ގޮވާލާ ގައުމުތަކުން އެއްބައިވެ އެކަތިގަނޑަކަށްވުމަށް ކުރެވޭ މަޝްވަރާތަކުގެ ޝެޑިއުލްތައް މިއަދު މަދެކޭ ނުބުނެވޭނެ އެވެ. މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ގޮންޖެހުންތަކާއި، ތިމާވެށި ހަލާކުވުމާއި، ފަގީރުކަމާއި، ނަސްލު ނައްތާލުން ފަދަ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ "ސްޓޭންޑް"ގެ ބޭނުންތެރިކަން ބޮޑު ވެއްޖެ ކަމުގެ އިހްސާން މިއަދު ދުނިޔޭގެ ލީޑަރުންގެ ހިތުގައި އެބަ ޖަހަ އެވެ. ގޮންޖެހުންތައް ހައްލުކުރެވޭނީ މަޝްވަރާކުރުމާއި، ވިސްނުންތެރިކަމުގެ އަޒުމް ކަނޑައަޅައިގެންކަން ދުނިޔޭގެ ލީޑަރުން އެ އަންނަނީ ސާބިތުކޮށްދެމުން ނެވެ. 

ނޭނގެނީ ވާން މިއުޅެނީ ކިހިނެތް؟ ކަމެވެ. އިނގެނީ މުޅި ދުނިޔޭގައި މިހާރު މަޝްވަރާ..! ހިނގާކަމެވެ. ފަލަސްތީނުގެ ރައްޔިތުން ހިމެނޭހެން އެދެނީ މުޅި އިންސާނީ އުންމަތް ސަލާމަތުގެ އައްސޭރިއަކަށް ބަދަރުކުރުމެވެ. ހަނގުރާމަތައް މަދުވެ އެންމެން އެއްބައިވެ އެކަތިގަޑެއްގެ ގޮތުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ނުރައްކަލެއް ބިރުވެރިކަމެއް ހުރަހެއް ނެތުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް