
އާދަމް އިބްރާހިމް ގެއްލިފައިވަނީ 11 މެއި 2025 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު "އިތުބާރު" ނަމަކަށް ކިޔާ ދޯނިން ނަޑައްލާއަށް ފޭބުމަށްފަހު އަނބުރާ ދޯންޏަށް ނުގޮސް ކަމަށްވާއިރު، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެ ރޭ 10:25 އެހާކަންހާއިރުއެވެ.
ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަން / ސުހާނީ އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމް
ފުލުހުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާދަމް އިބްރާހިމް ގެއްލުނު މައްސަލާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި ފުލުހުން ވަނީ މިއަދު ހެނދުނު އޭނާގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ނަމަވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ ސުވާލު އުފެދޭ ކަންތައްތަކަކީ ކޮބައިކަމެއް.
އާދަމް އިބްރާހިމް ގެއްލުނު ވަގުތުން ފެށިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭނަމަ ފުލުހުންނަށް އެންގުމަށް އާންމުންނަށް ގޮވާލާފައިވެއެވެ. ފުލުހުންގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށެވެ.