
މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިމްޕެކްސް ފިޝަރީޒް ކުންފުންޏަށް ނ. މިނާވަރު ކުއްޔަށް ދީފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު 21 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އެއްބަސްވުމުގައިވާ މަސައްކަތްތައް ނުކުރާތީ، ބާކީ 6 އަހަރު އޮއްވާ ރަށް އަނބުރާ ނެގުމަށް ސަރުކާރުން ނިންމާފައިވެއެވެ.
މިނިސްޓަރުންނަށް އާންމުން ސުވާލުކުރެވޭ ގޮތަށް ކުރިއަށްދާ "އަހާ" ޕްރޮގްރާމްގައި ރޭ ބަންޑާރަނައިބު ވިދާޅުވީ، މިނާވަރަކީ ވަކި ކަހަލަ މަސައްކަތްތަކެއް ކުރުމަށް ކުއްޔަށް ނަގާފައިވާ ރަށެއް ކަމަށާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުދާތީ، އެއްބަސްވުމުގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށް ނޯޓިސް ދިނުމަށްފަހު އެއްބަސްވުން ބާތިލުކުރުމަށް ސަރުކާރުން ނިންމީ ކަމަށެވެ. އޭގެ ތެރޭގައި ވެލިޔު އެޑިޝަން އާއި ޕްރޮސެސިންގެ މަސައްކަތް އެ ރަށުގައި ނުކުރާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ބަންޑާރަނައިބު އުޝާމް އިތުރަށް ވިދާޅުވީ، ސިޔާސީ ބޭފުޅެއްގެ ކުންފުންޏަކުން ނަގާފައިވާ ރަށަކުން ވިޔަސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ނަގާފައިވާ ވަރަށް ގިނަ އެހެން ރަށްރަށް ވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުކޮށް އެހެން މަސައްކަތްތައް ކުރާކަން ފާހަގަކުރައްވާ ކަމަށާއި، ތަފާތުކުރުމެއް ނެތި ހުރިހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދ. އުއްދޫގެ އެއްބަސްވުން އާނުކުރުމާ ގުޅޭގޮތުންވެސް އުޝާމް ވިދާޅުވީ، އެކަން ކުރިއަށް ގެންދިޔައީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.