
މިނިސްޓަރު މިކަން ހާމަކުރެއްވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ތިބެނީ ހަމައެކަނި މާލޭގައެއް ނޫނެވެ. ރަށްރަށުގައި ހުރި މިނިސްޓްރީގެ ޕަބްލިކް ވާކްސް ޔުނިޓްތަކުގައިވެސް ސިޔާސީ މުވައްޒަފުން ތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕަބްލިކް ވާކްސްގެ ހިދުމަތް ފުޅާކުރުމަކީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ ކަމެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީގައި 81 ސިޔާސީ މުވައްޒަފުން ތިބިކަމަށް މިނިސްޓަރު ހާމަކުރައްވާފައިވާއިރު، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 31 އޮކްޓޯބަރ 2024ގެ ނިޔަލަށް ސިޔާސީ ވަޒީފާތަކުން 228 މީހަކު ވަކިކޮށްފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ މުޅި ސަރުކާރުގައި ތިބޭ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރު ނުކުރެއްވުމަކީ އަމާޒެއްކަމަށެވެ.