ads
ބަންޑާރަ ނައިބު އަހްމަަދު އުޝާމް
ފަނޑިޔާރުން ވަކިކުރުން ދިފާއުކުރަން އޭޖީވެސް ހެދީ ބޮޑު ދޮގެއް!
ގާނޫނާ ހިލާފަށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކުމުގެ މައްސަލަ ދިފާއު ކުރުމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމްވެސް ބޮޑު ދޮގެއް ހަދައިފިއެވެ.
Advertisement

ފަނޑިޔާރުން ވަކިކުރުމުގެ ކަންތަކުގައި އޭޖީ އުޝާމް ދޮގުހެދީ، ރޭ ގައުމީ ޓީވީން ވަގުތުން ފޮނުވި އަހާ ޕްރޮގްރާމްގެ ތެރެއިން އަމާޒުވި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އުޝާމް ރޭ ގައުމީ ޓީވީގައި ހެދި ދޮގަކީ، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ފަނޑިޔާރު، އަޒްމިރަލްދާ ޒާހިރުއަށް މީހަކު މެދުވެރިކޮށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ ވާހަކައަކީ ރައްޓެއްސެއްގެ ގާތުގައި، އެ މައްސަލަ ތާވަލު ވެސް ނުކުރަނީސް ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވެ، ހެދި ދޮގެވެ.

"އަޅުގަނޑުގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއް، މި ކަން ދިމާކުރި ގޮތުން މި ރައްޓެއްސަކީ އަޅުގަނޑާއި ޑރ. އަޒްމިރަލްދާ ޒާހިރުއާގެ ވެސް ކޮމަން ފްރެންޑެއް. ދެކެވުނު ވާހަކައެއްގެ ތެރެއިން ދެން އެ މީހަކު އެ ގޮސް ދެއްކި ވާހަކައެއް. އަޅުގަނޑާ އަޅުގަނޑުގެ މިބުނާ ރަހުމަތްތެރިޔާއާ އެބުނާ އޭޖެންޓަކާ ދެކެވުނު ވާހަކައެއް ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު، މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު، އޭރަކު އަދި ސުޕްރީމް ކޯޓުގެ މައްސަލައިގެ ހިޔަރިންއެއް އަދި ތާވަލެއް ވެސް ނުކުރޭ". ގާނޫނު އަސާސީ ނެގެހެއްޓުމަށް ހުވައިކޮށްގެން ހުންނެވި އޭޖީ ވިދާޅުވިއެވެ.

އުޝާމް އެހެން ވިދާޅުވި ނަމަވެސް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ އަޑު އެހުން ތާވަލު ކުރީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ އުޝާމް އެ ވިދާޅުވާ ރައްޓެއްސަކާ އުޝާމް ބައްދަލުކުރުމުގެ ކުރިންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ކަންތައް ދިފާއު ކުރުމަށް އުޝާމް ދޮގު ހެދިއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކްވެސްވަނީ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ދިފާއު ކުރުމަށް ދޮގު ހަދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް