
ގާނޫނާ ހިލާފަށް ފަނޑިޔާރުން ސަސްޕެންޑްކޮށް މައްސަލަ ބަލަން ނިންމީ ރިޒާކަން އެނގުނީ، އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާ ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވި ލަފާގެ ތެރެއިންނެވެ.
މި މައްސަލަ ޖޭއެސްސީއަށް އެޖެންޑާ ކުރަން ކޮމިޝަންގެ މެންބަރުންނަށް ދިނީވެސް އެންމެ 13 މިނިޓުގެ ނޯޓިހެކެވެ. އެ ހުރިހާކަމެއްގެ އަޑީގައި ހުރީ ރިޒާކަން މިހާރުވަނީ ހާމަވެފައެވެ. އެ މައްސަލަ ނިންމުން ލަސްވެގެން ދެ ފަހަރެއްގެ މަތިން ރިޒާއަށް ގުޅުއްވި ކަމަށް ރައީސް މުއިއްޒުވަނީ އިއުތިރާފުވެވަޑައިގެންފައެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމިއިރު، ކައުންސެލް ޖެނެރަލް ފިލްޒާ ދެއްވި ލަފާގައި ފިލްޒާ ވިދާޅުވީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއް ކަން އެނގޭ ކަމަށާއި ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބަލާނެތޯ ކަނޑައަޅަން ފޮނުވާން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަށް ކަމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ ފަރާތުންނެވެ. އެ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި އެއީ ގާނޫނުގައި އިޖުރާއަތް އޮތް ގޮތެއް ނޫނެވެ.
ގާނޫނާ ހިލާފަށް ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ސަރުކާރުން ބޭނުންވަނީ އެ ފަނޑިޔާރުން ވަކިކުރަންކަންވަނީ އެނގިފައެވެ.