
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރިލް މަހު ޑެންގީ ޖެހިގެން 127 މީހުން ރިޕޯޓުކޮށްފައިވާއިރު، މާރިޗް މަހު މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 73 މީހުންނެވެ.
އެޗްޕީއޭއިން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުން، އޭޕްރިލް މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މާރިޗް މަހު އިންފްލުއެންޒާއަށް ފައްސިވި އަދަދު 21 އަށް އަރާފައިވާއިރު، އޭޕްރިލް މަހު އެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ. މިއަހަރު މިހާތަނަށް އިންފްލުއެންޒާއަށް ފައްސިވި ޖުމްލަ އަދަދު ވަނީ 105 އަށް އަރާފައެވެ.
ނަމަވެސް، އޭޕްރިލް މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް ވަނީ މާރިޗް މަހާ އަޅާބަލާއިރު މަދުވެފައެވެ. އެގޮތުން މާރިޗް މަހު 28،560 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، އޭޕްރިލް މަހު އެ އަދަދު ވަނީ 26،539 އަށް ދަށްވެފައެވެ. އަދި ބޭރަށް ހިންގުމުގެ ކޭސްތައް މާރިޗް މަހު 4123 ރިޕޯޓުކޮށްފައިވާއިރު، އޭޕްރިލް މަހު އެ އަދަދު ވަނީ 3791 އަށް ދަށްވެފައެވެ.