
ވެރިން ހިމެނޭހެން، އެކަމުގައި ޝާމިލުވި އެންމެހާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށްވެސް އަޒްމިރާލްދާ ވިދާޅުވިއެވެ.
އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމަށް ޖޭއެސްސީން އެދިފައިވާ ގޮތަށް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކުރީ، އެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު އދ. ހިމެނޭހެން ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުންނާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އިން ވެސް ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ގޮވާލާފައި ވަނިކޮށެވެ. މަގާމުން ވަކިކުރުމާ އެކު އަޒްމިރާލްދާގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައި، އެކަމަށް ފާޑުވިދާޅުވެފައެވެ.
އަޒްމިރާލްދާ ވިދާޅުވީ، ގިނަ ހައްގުތަކެއް ނިގުޅައިގަނެ ސިއްރިޔާތުގައި ހިންގި އިޖުރާއަތްތަކަކަށް ފަހު ފަނޑިޔާރުކަމުގެ މަގާމުން އެކަމަނާ މިއަދު "އަޒުލުކޮށްފައިވަނީ" އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލިހުގެ ސުޕަ މެޖޯރިޓީ މެމްބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި ކަމަށެވެ. އަދި މިއަދު އެ ނިންމުން ނިންމެވީ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން ކަމަށްވެސް ވިދާޅުވިއެވެ.