
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ފަސްޓް ލޭޑީ ވިދާޅުވީ އުފަލާއި ހިތާމައިގައާއި، ފަހިކަމާއި ދަތިކަމުގައިވެސް އާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
ފަސްޓް ލޭޑީ ސާޖިދާ އިތުރަށް ވިދާޅުވެފައިވަނީ އާއިލީ ލޯބި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ. އަދި ދިވެހި އާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާ ކަމަށާއި، މި އުފާވެރި ދުވަހުގެ މަރުހަބާއާއި ތަހުނިޔާ ފޮނުއްވާ ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.
ފަސްޓް ލޭޑީގެ މެސެޖާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މިއަދުގެ މުނާސަބަތުގައި އާއިލާތަކަށް ތަހުނިޔާ ފޮނުއްވާފައެވެ. ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.