
އަމީން މިގޮތަށް ވިދާޅުވީ، ހެންވޭރު ގެއަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއަށް އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އޭނާ މަގާމުން ވަކިކުރުމަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މިއަދު މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.
އަމީން އިތުރަށް ވިދާޅުވީ މއ. މާންދޫގެ ދެކުނުގެއަކީ އޭނާ އެކަނި މިލްކެއް ނޫން ކަމަށާއި، އެއްބަނޑުއެއްބަފާ ތިން މީހުންގެ ވެސް މިލްކުވެރިކަން އެބައޮތް ކަމަށެވެ. އަދި އޭނާއަށް ހާއްސަވަނީ އެ ގޭގައި އޭނާ ނުވަތަ އޭނާގެ އާއިލާ ދިރިއުޅޭ ބައިތައް ކަމަށާއި ދެން ހިމެނެނީ، "އެ އިމާރާތުގައި ދިރިއުޅޭ އެންމެން ބޭނުން ކުރާ ތަންތަން. އެއީ ކޮމަން އޭރިއާ" ކަމަށް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުމުގެ ކުރިން، މާންދޫގެ ދެކުނުގޭގައި އެ ރޭ ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް، ގާނޫނާ ހިލާފު އަމަލުތަކެއް ކުރި ކަމަށް، އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އަމީން ވިދާޅުވީ އޭނާ ދިރިއުޅޭ ގޭގައި ނަމަވެސް ގާނޫނާ ހިލާފު ކަމެއް ކުރާ ނަމަ އެކަން ގާނޫނާ އެއްގޮތަށް ބަލަން ޖެހޭނެ ކަމަށެވެ. އެކަން މިނިސްޓަރުގެ ހައިސިއްޔަތުން ވެސް އަދި ފަރުދީ ހައިސިއްޔަތުން ވެސް ފުރިހަމައަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.