
ލޯކަލް ކައުންސިލް މެންބަރުންގެ ދައުރުގައި ބާކީ އޮތީ ދޮޅު އަހަރު ކަމުގައިވާނަމަ، އެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާއެކުއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. މި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ މަގާމު ހުސްވިއިރު، އަދި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވިއިރު، އެ ކައުންސިލްގެ އުމުރުގައި ބާކީ އޮތީ 548 ދުވަސް (ދޮޅު އަހަރު) ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާ ނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހުމާއި، އޭގެ ސަބަބުން އެކަމަށްކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާތީއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ހަމަ މި އުސޫލު ހިނގާގޮތަށް ގާނޫނު އިސްލާހު ހުށަހަޅާފައިވެއެވެ.