
އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ ބްރޯޑްކޮމްގެ ނައިބު ރައީސަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ފަޒީން މާރިޗު މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަނުކުރުމަށް ރައީސް އޮފީހުން އޭޕްރިލް މަހު ހުޅުވައިލި ފުރުސަތުގަ އެވެ.
މޫސާ ރިލްވާން މި މަގާމަށް އައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް މޫސާ ރިލްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ރިލްވާން ވަނީ 2016ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވާފަ އެވެ. މޫސާ ރިލްވާން މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫއާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫއުގައި ޢަމަލީ ދައުރެއް ރިލްވާން ވަނީ އަދާކުރައްވާފަ އެވެ.