
އައިއެމްއޯގެ މައި މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު އިރުތިޝާމް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަލާމާއި ތަހުނިޔާ އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލަށް ދަންނަވާފަ އެވެ.
އެ ޖަމިއްޔާއެކު ގުޅުން ބަދަހިކުރުމަށާއި އެ ޖަމްއިއްޔާގެ އިސްނެގުންތަކުގައި އަމަލީގޮތުން ބައިވެރިވެ، ކަންކަމުގައި ގާބިލުކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކަމަނާ ވަނީ ދެއްވާފަ އެވެ.
17 މާޗް 1948ގައި އުފެދުނު އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުއުޅަނދުފަހަރުތަކުން ބޭރުކުރާ ވިހަ ގޭސްތަކުން ޖައްވު ތަގައްޔަރުވުން ހުއްޓުވުން ހިމެނެ އެވެ.
މި ޖަމްއިއްޔާގެ މަގުސަދަކީ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ހަމަހަމަ އަދި ހުރިހާ ގައުމުތަކަކުން ގަބޫލުކޮށް ތަންފީޒުކުރާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އައިއެމްއޯގައި 174 މެމްބަރު ގައުމާއި 3 އެސޯސިއޭޓް މެމްބަރުން ހިމެނެ އެވެ. ދިވެހިރާއްޖެ އައިއެމްއޯގައި ބައިވެރިވެފައިވަނީ 1967ވަނަ އަހަރުގެ މެއި މަހުގެ 31ވަނަ ދުވަހު އެވެ.
އިރުތިޝާމްއަކީ ދިވެހިރާއްޖެ މެމްބަރަކަށްވީ ފަހުން އައިއެމްއޯ އަށް ކަނޑައެޅުނު ރާއްޖޭގެ ދެވަނަ ދާއިމީ މަންދޫބެވެ.