
މިއީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާނެ ފަރާތެއް އައްޔަންކުރުމަށް ހުޅުވާލި ފުރުސަތެކެވެ. ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މި ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ރާއްޖޭގެ ތަފާސްހިސާބުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަށާއި، ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދިނުން ހިމެނެއެވެ.
ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 25 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި ތަފާސްހިސާބު، އިކޮނޮމިކްސް، ޑެމޮގްރަފީ، ސޯޝަލް ސައިންސް، އެންވަޔަރަމެންޓަލް ސްޓަޑީސް، ޑޭޓާ ސައިންސް ނުވަތަ އެކައުންޓިން ފަދަ ރޮނގަކުން ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ސަރުކާރު ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުކޮށްފައިވެއެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތައް ސްޓެޓިސްޓިކްސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ 12 ޖޫން ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. ސްޓެޓިސްޓިކްސްގެ 9 ވަނަ ފްލޯ އަދި އީމެއިލް [email protected] މެދުވެރިކޮށް ވެސް ފޯމު ބަލައިގަނެވޭނެ ކަމަށް ބިއުރޯއިން ބުނެއެވެ.