
ދަ ގާޑެންސްއިން އެޕާޓުމެންޓް ގަނެފައި ތިބި ބައެއް މީހުން ރައީސް އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި ވެސް އެ މައްސަލަ ޖާހުން ކޯޓަށް ވައްދާފައިވާ ކަމަށް ބުނެފައިވެއެވެ.
ޖާހު އިންވެސްޓްމެންޓުން ދަ ގާޑެންސްގެ ނަމުގައި އިމާރާތެއް ތަރައްގީ ކުރަން ފެށީ 2017 ގައެވެ. މި ޕްރޮޖެކްޓުގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެއެވެ. ނަމަވެސް އެކި ފަހަރު މަތިން އެތަނުގެ މަސައްކަތް ނިންމުމަށް އެޗްޑީސީން ދިން މުއްދަތުގައި ވެސް ޖާހުން އެ މަސައްކަތް ނިންމާފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެޗްޑީސީން މިދިޔަ ޖެނުއަރީ 27 ގައި ޖާހު އިންވެސްޓްމެންޓަށް ގާނޫނީ ނޯޓިސްއެއް ދީ، 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އެންގިއެވެ.
މި މައްސަލައިގައި މިދިޔަ މާޗު 17 ގައި ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ސިވިލް ކޯޓުން ވަނީ ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ބޭންކުތަކަށް އަމުރު ވެސް ކޮށްފައެވެ. އެޗްޑީސީން ބުނެފައިވަނީ ޖާހު އިންވެސްޓްމެންޓާއެކު ވެފައި އޮތް އެއްބަސްވުން ބާތިލު ކުރީ "ދަ ގާޑެންސް" އިން އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހައިވެސް އަވަހަކަށް ހަވާލު ކުރުމުގެ ބޭނުމުގައި ކަމަށެވެ.