ads
ކޮމަންވެލްތު ލީޑަރުން - ފައިލް ފޮޓޯ: ރައީސް އޮފީސް
ކޮމަންވެލްތު ގައުމުތަކުގެ އެއްބާރުލުން އިތުރުކުރަން ރައީސް ގޮވާލައްވައިފި
މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
Advertisement

މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސުލްހަމަސަލަސްކަން ދެމެހެއްޓުމާއި، ހެޔޮވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭ ދިރިހުރި މިސާލެއްގެ ގޮތުގައި ކޮމަންވެލްތު އަބަދުވެސް ދެމިއޮންނަ ކަމަށެވެ.

މި އަހަރުގެ ޝިއާރު ކަމުގައިވާ "ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" މި ޝިއާރަށް އިޝާރާތްކުރައްވަމުން، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި, މި ޝިއާރު ރަމްޒުކޮށްދެނީ ކޮމަންވެލްތަކީ އޭގެ މަގުސަދުތައް ހާސިލުކުރެވޭ ފަދަ އެއްބައިވަންތަކަމާއި ބައިވެރިވުން ވަރުގަދަ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމުގެ ރޫހު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ހަމަމިއާއެކު، މި އަހަރުގެ ޝިއާރު ބިނާވެފައިވަނީ ރާއްޖެއިން ގައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވެ ވިލުންތެރި ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުންގެ ހަރަކާތްތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުމުގެ އިތުރުން، މިކަންކަމުގެ ފައިދާ ހުރިހާ މުޖުތަމައުތަކަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވީތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، ބޭރުގެ އިގުތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަން ވެސް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ މުނާސަބަތަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަމުއިއްޔާގެ ތެރެއިން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރު ކުރައްވާފަ އެވެ. އެއީ ޤައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ ގައުމަކަށްވެސް ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށްޓަކައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ، ޤައުމުތަކުގެ މެދުގައި އޮތް ގުޅުންތަކާއި، ވެފައިވާ އެއްބަސްވުންތައް ތާޒާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކޮމަންވެލްތުގެ އާއިލާއަށް ފައިދާހުރި، ހަރުދަނާ ނަތީޖާތަކެއް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ދިވެހިރާއްޖެއިން އަމަލީގޮތުން ބައިވެރިވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;