
ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެކިގޮތްގޮތުން ދަތިކުރާތީ އާއި ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މުވައްޒަފުންނަށް އުނދަގޫތައް ކުރިމަތިކުރުވާ ކަމަށް ބުނެ އެކަމަށް އަވަސް ހައްލެއް ހޯދައިދީ އެ މައްސަލަ ބަލައިދިނުމަށް އެދި ޕެޓިޝަނެއް ހުށަހެޅީ އެ ކޮމިޝަނުގައި މަސައްކަތްކުރާ 17 އަށްވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކުއެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަން
- ސެކްރެޓަރީ ޖެނަރަލް އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުންދާ ކަމަށް
- މާލިއްޔަތު ގަވައިދާ ފުށޫއަރާގޮތަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރުވާ ކަމަށް
- ކޮމިޝަންގެ ކުރީގެ ނައިބު ރައީސްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިގެން އެކަން މަޖިލީހަށް ހުށަހަޅާފައި އޮއްވާ އޭނާ އިސްތިއުފާ ދެއްވުމުން، އަނިޔާ ލިބިގެން ޝަކުވާކުރި މުވައްޒަފު ޑަބަލް ވިކްޓިމައިޒް ކޮށްފައިވާ ކަމަށް؛ އެ މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ޑިޕާޓުމަންޓް ބަދަލުކޮށްފައިވާ ކަމަށް
- އިދާރީ ހިންގުމާ ހަވާލުވެގެން ހުރި ފަރާތުގެ ގަދަރާއި ހައިބަތު ކުޑަވާގޮތަށް ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ކޮމިޝަނުގެ އިސްވެރިން މުއާމަލާތުކޮށްފައިވާ ކަމަށް
- ކޮމިޝަންގެ ދާއީމީ ކޮމިޓީތަކުން ނިންމާ ކަންކަން ވަކިވަކި މުވައްޒަފުން ހާޒިރުކޮށް އޮޅުންފިލުވައި، އެ ނިންމުންތަކަށް ނުފޫޒު ފޯރުވާ ކަމަށް
- ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި، މުވައްޒަފުންގެ ޒާތީ މައުލޫމާތުތައް ހާމަކުރުން ފަދަ ކަންކަން ކޮމިޝަނުގެ ރައީސް އާއި ބައެއް މެމްބަރުން ކުރަމުންދާ ކަމަށް
- ވަކި މުވައްޒަފުންނަށް ކުޑައިމީސްކޮށް، ވަކި މުވައްޒަފަކު ހުންނަ ގޮތަކުން އޭނާ ވަޒީފާއިން ވަކިކުރަން ބޭނުންވާ ކަމަށް ބުނުމާއި، ހިންގާ ގަވާއިދާ ހިލާފަށް ވަކި މުވައްޒަފަކު ވަކިކުރަން އެޗްއާރް ޕެނަލްއަށް އަންގާފައިވާ ކަމަށް
- އެޗްއާރް ޕެނަލުން ނިންމާ ނިންމުންތަކާމެދު ކޮމިޝަނަރުން ހިތްހަމަ ނުޖެހޭނަމަ އެ ނިންމުން ބަލައިނުގަންނަ ކަމަށް
- މުވައްޒަފުންނަށް ވިސިލްބްލޯގެ ދަށުން ލިބޭ ހައްގުތައް ހަނިކޮށް ނުފޫޒު ފޯރުވާ ކަމަށް
- މުވައްޒަފުން މެދުވެރިކޮށް ބައެއް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަލާ ކަމަށް
- ޒާތީވުމާއި މުވައްޒަފުންނާއި ޖައްސާލުމާއި ނަފްސާނީ ގޮތުން ގޯނާ ކުރާ ކަމަށް
- އިތުރު ގަޑީގެ މުސާރަ ދެވޭނެ ބަޖެޓެއް ނެތްކަން އެނގިތިބެ މުވައްޒަފުން ލައްވައި ގޭގައި ތިބޭއިރު ވެސް އިތުރުގަޑީގެ މަސައްކަތްކުރުވާ ކަމަށް
މުވައްޒަފުން ހުށައެޅި ޕެޓިޝަންގައި އެދިފައިވަނީ މި މައްސަލަ، މަޖިލީހުން ބަލާ އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ގެނެސްދިނުމަށެވެ.
މީގެ އިތުރުން ގާނޫނު އަސާސީގެ 27ވަނަ މާއްދާއާއި ރާއްޖޭގައި އަމަލުކުރަމުންދާ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސް، ނައިބު ރައީސް، އަދި ބައެއް މެމްބަރުން މިހާރަށްވުރެ ފުޅާކޮށް ހޭލުންތެރިކޮށްދިނުމަށްވެސް ޕެޓިޝަނުގައިވަނީ އެދިފައެވެ.