
މޭ 18 ވަނަ ދުވަހު ރައުދު 22 އަހަރު ފުރިހަމަކުރިއިރު، އޭނާ ވަނީ ޔުމްނުގެ މައްސަލާގައި ބަންދުކޮށްފައެވެ.
ފުލުހުން ރައުދު ހައްޔަރުކުރީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ތަހުގީގަށް ބަންދުގައި ބަހައްޓަން ޖެހޭކަމަށް ބުނެ، ހާދިސާ ހިނގިތާ ހަފްތާއެއް ފަހުންނެވެ. ފުލުހުންގެ ތަހުގީގަށް ރައުދުގެ ބަންދު މުއްދަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. ފުރަތަމަ ދެ ފަހަރު 15 ދުވަހަށް، ދެން ފަސްދުވަހަށް އަދި އެންމެ ފަހުން 20 ދުވަހަށެވެ. ފަސްދުވަހުގެ ބަންދު އަމުރު ހައިކޯޓުގައި ރައުދު އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގަނެ ޝަރީއަތް ފެށުމަށް ތައްޔާރުވެފައެވެ.
ރައުދު މިއަދު މާލެ ގެނެސް އަނބުރާ ދޫނިދޫއަށް ގެންދަނީ
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ރިޔާސީ ކޮމިޝަނުން މިދިޔަ ހަފްތާގައި ރައުދާ ބައްދަލުކޮށް ހާދިސާއާ ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ. އަދި ހާދިސާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރަމުން ދާކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޔުމްނު ވެއްޓުނު ފެންލައިޓު ކައިރީގައި ފައިތިލައިގެ ނިޝާން ފެނިފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވާއިރު، މި ހާދިސާގައި ރައުދުގެ ދައުރަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ކުރެވެމުންދާ ތަހުގީގުތަކުގެ ނަތީޖާއަށް މުޅި ރާއްޖެ އޮތީ ބަލާށެވެ.