
ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް އދ. އިން ނެރުނު ބަޔާނެއްގައިވަނީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން، ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަދާކުރާ އިހުތިރާމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައި، އިތުރު ދެ ފަނޑިޔާރުން މަޖިލީހުން ވަކިކުރިއިރު، އޭގެ ފަހުން އުއްތަމަފަނޑިޔާރު މަގާމުން ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާތީ ވެސް އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މި ބަޔާނުގައި ވަނީ ދިވެހި ގާނޫނުއަސާސީއާ އެއްގޮތަށް މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވެފައިވާ ވައުދު ހަނދާންކޮށްދީފަ އެވެ. އަދި މިނިވަން ޝަރުއީ ނިޒާމެއް އޮތުމަކީ އެއީ ގާނޫނީ ވެރިކަން ދަމަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ސުޕްރީީމް ކޯޓްގެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ އެކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.
މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައި ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތުމުން، އެ ފުރުސަތު ވެސް ނުދީ އެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައިނެގި ވޯޓުގައި އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.