
އެމަނިކުފާނު މިހެން ވިދާޅުވީ މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
މުލީ އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް މުއިއްޒެވެ. މުލީ އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިންނެވެ. އަދި މި އެއާޕޯޓަށް ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް ރާޢްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައްކުރާ އެއާލައިންތަކަށް ރީޖަނަލް އެއާޕޯޓްސް އިން ފުރުސަތު ހުޅުވާލި އެވެ.
މުލީ އެއާޕޯޓު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ މުލީ އެއާޕޯޓުގެ ސަބަބުން އެރަށާއި މުޅި އަތޮޅަށްވެސް ކުރިއެރުމާއި ތަރައްގީގެ ރޮނގުން ގިނަ ކުރިއެރުންތަކެއްް ލިބޭނެކަމަށެވެ. އެގޮތުން، އެއާޕޯޓް ވާނީ އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދުމުގެ ދޮރާއްޓަކަށް ކަމަށާއި އެ ރަށުގެ ފަތުުވެރިކަމަށް ފަޅުތެރެއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމަށް އެންމެ މުހިންމީ އެއާޕޯޓުކަމަށާއި، ޓޫރިޒަމް މިނިސްޓްރީން ރައްޔިތުން އެދޭގޮތަށް އެ މަސައްކަތް ކުރިއަށްގެންގޮސް ވައުދު ފުއްދައިދޭނަކަމަށާއި، އަތޮޅުގެ ތަރައްގީއަށް ކުރިއަށްއޮތްތަނުގައި ގިނަ ކުރިއެރުންތައް އަންނާނެކަމަށް ރައީސް ވިދާޅުވި އެވެ.
މ. މުލި އެއާޕޯޓަކީ މ. އަތޮޅަށް ޓޫރިޒަމްގެ ގިނަ އިންވެސްޓުމެންޓުތަކެއް އައިސް، އެ އަތޮޅު ތަރައްގީވުމަށް މަގުފަހިވެގެންދާނެ ދޮރާއްޓަކަށް ވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވެސް މިއަދު ވަނީ ވިދާޅުވެފައި އެވެ.
މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ. ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. ޓިކެޓްގެ އަގަކީ 1،377ރ. އެވެ. އަދި ޕްރޮމޯޝަނަލް ފެއާގައި 999ރ. އަށް ވަނީ ޓިކެޓް ވިއްކައިފަ އެވެ.