
މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައެވެ.
ޖުމްލަ 125.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. 635 މީޓަރުގެ ދިގުމިން ހުންނަ މި ކޯޒްވޭގައި 353 މީޓަރުގެ ބިން ހިއްކައިގެން އަޅާ މަގަކާއި 100 މީޓަރުގެ ތިން ބްރިޖެއް ހިމެނޭނެއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ދެ އަހަރަށް ލަފާކޮށްފައިވާއިރު، މިއީ މ. އަތޮޅުގެ ދެ ރަށް ގުޅާލުމަށް އެޅޭ ފުރަތަމަ ކޯޒްވޭއެވެ.
ރައީސް މުއިއްޒު ވަނީ، މި މަޝްރޫއާ އެކު 2026 ވަނަ އަހަރުގެ ބަޖެޓުން ނާލާފުށީ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އަދި މިހިނގާ ދެ އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ރައްޔިތުންނަށް ނަތީޖާ ނެރެދޭނެ ދުވަސްތަކެއްކަމަށް ރައީސް މުއިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ. މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް ފެއްޓެވުމާއެކު ރައީސް ވަނީ "ފަސް މިލިއަން ގަސް ޕްރޮގްރާމް" ގެ ދަށުން މުލީ އެއާޕޯޓުގައި ގަސް އިންދުމުގެ މަޝްރޫއުވެސް ފައްޓަވައިދެއްވާފައެވެ.