
ބޭންޑުގެ ފުރަތަމަ ޝޯ ހުކުރު ދުވަހުގެ ރޭ ބާއްވާއިރު، މި ގިނަބަޔަކު ބަލައިގަތް ޝޯއަށް ޓިކެޓު މިހާރުވެސް އެކަމަށް ހާއްސަ ވެބްސައިޓު މެދުވެރިކޮށް ވިއްކަމުންދެއެވެ.
އިވެންޓު މޯލްޑިވްސްއިން ބުނީ ޝޯތަކުގެ ސައުންޑް އަދި ލައިޓްސް ހަދައިދެނީ ހިލޭކަމަށާއި އަދި ޓިކެޓުތައް މިހާރު ވަނީ އަގުހެޔޮކޮށްފައިކަމަށެވެ. އެގޮތުން މި ޝޯގެ ޓިކެޓު ތިން ކެޓަގަރީއެއްގައި ވިއްކާއިރު، ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއް 1,000 ރުފިޔާއަށް، ގޯލްޑް ކެޓަގަރީގެ ޓިކެޓެއް 500 ރުފިޔާއަށް އަދި ބްރޮންޒް ކެޓަގަރީގެ ޓިކެޓެއް 250 ރުފިޔާއަށް ލިބެން ހުންނާނެއެވެ. އަދި ކޮންމެ ކެޓަގަރީއަކަށްވެސް ތަފާތު ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ.
މި ޝޯގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ޝްރައްދާ ޕަންޑިތު، ރާޖާ ހަސަން އަދި ޝުރުތީ ޕަތަކްފަދަ ބޮލީވުޑުގެ ލަވަކިޔުންތެރިންނާއި އިންޑިއާގެ "ޝިވޮހަމް" ފިއުޝަން ބޭންޑު ހިމެނެއެވެ. އަދި ދިވެހިންގެ ތެރެއިން ޒުވާނުންގެ މެދުގައި މަގުބޫލު "ބޮކިޓޮޒް" އާއި މަޝްހޫރު ބޮޑުބެރު ގުރޫޕު ހަރުބީގެ އިބްރާހިމް މަމްދޫހު (މަންޑޭ) ވެސް ބައިވެރިވެލައްވާނެއެވެ. ފާހަގަކޮށްލެވޭގޮތުގައި ފަސް މެންބަރުން ހިމެނޭ "ޓޫ އޮފް އަސް" ވަނީ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގެ ދެވަނަ ރަނަރަޕްކަން ހޯދާފައެވެ.