ads
އަލީ އަކްބަރު ހައިކޯޓުގެ ޝަރީއަތުގައި
އަންހެނަކަށް ހެދިގެން ޑްރަގު އެތެރެކުރި މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެ
ޝަހްސުއޮޅުވާލައިގެން ފޮތްފޮށިގަނޑެއް ތެރޭ ޑްރަގް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުވާ މައްސަލައެއްގައި، ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލައެއް، ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

މިއީ، އަންހެނަކަށް ވެގެން، ސ. ހިތަދޫ، ދުގެތިމާގެ، އަލީ އަކްބަރު ހަސަން 198 ގްރާމްގެ ޑްރަގް އެތެރެކުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި މައްސަލައެވެ. އޭނާ އަތުލައިގަތީ ހަލީމަތު އުލްފާ ކިޔާ އަންހެނެއް ކަމަށް ހެދިގެން،  ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ޝައްކުކުރެވޭ އެއްޗެއްހުރިކަން ކަސްޓަމަށް ފާހަގަވުމުން، އެކަން ފުލުހުންނަށް އެންގުމަށްފަހު ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިންނެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅީ މަސްތުވާތަކެތީގެ ގާނޫނާ ހިލާފަށް، ޑްރަގް ކަމަށް ޝައްކުކުރެވޭ ޕާރުސަލް ކެނޑުމަށްފަހު، އެތަކެތި ފުލުހާ ހަވާލުނުކޮށް، އެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރުމުންނެވެ. މި ހުކުމް ކްރިމިނަލް ކޯޓުން ކުރީ 2022 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

"މި މައްސަލާގައި ފެނިފައިވާ ތަކެތި ފަސޭހައިން އެއް ތަނަށް އަނެއް ތަނަށް ގެންދެވޭފަދަ ގޮތަކަށް އޮތްއިރުވެސް، އެތަކެތި 04 މާރިޗު 2021 ވަނަ ދުވަހުން ފެށިގެން 09 މާރިޗު 2021 ވަނަ ދުވަހާ ހަމައަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރީ،" އެއީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ގާޒީ މުހައްމަދު މިސްބާހު ކުރި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

އެ މައްސަލައިގައި ދަށު ކޯޓުން ކުށް ސާބިތު ނުވުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އަންގާރަ ދުވަހުވަނީ މައްސަލަ ސާބިތުވާ ކަމަށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ މައްސަލައިގައި އަދި އަދަބެއް ކަނޑަ ނާޅާއެވެ. އެކަމަކު ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު، 10 ދުވަހަށް އަލީ އަކްބަރުވަނީ ބަންދުކޮށްފައެވެ.

10 ދުވަހަށް އަލީ އަކުބަރު ބަންދުކުރަން އަމުރުކޮށް، ހައިކޯޓުން އެންގީ 10 ދުވަހުގެ ތެރޭގައި އަދަބާމެދު ވާހަކަ ދެއްކުމަށް ޝަރީއަތެއް ބާއްވާނެ ކަމަށެވެ. މައްސަލައިގައި އަދަބު ކަނޑައަޅައި ހުކުމް ކުރާނީ އޭގެ ފަހުންނެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް