ads
ކުށުގެ ސަޒާ - 22 ވަނަ ބައި
އެޕިސޯޑް 22
Advertisement

"އައި ވިލް އެކްސްޕްލެއިން އެވްރިތިންގ ޓު ޔޫ ފިޒާ..! އާދޭސްކޮށްފައި ބުނަން، އަހަރެންގެ މަންމައަށް މައާފްކޮށްދީ..!" ފިޒާގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލާފައި ތާބިޝް ބުންޏެވެ.

އޭނާގެ ދެ ކޯތާފަތުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެރެމުންދިޔަ އެވެ.

ފުލުފުލުގައި ލިބެމުންދިޔަ ޝޮކްތަކުން ފިޒާގެ ބޮލަށް އެނބުރުން އަރާފައި ހުއްޓައި، ކުއްލިޔަކަށް މި ފެނުނު މަންޒަރު އޭނާ އަންތަރީސްކޮށްލައިފި އެވެ. ގުޑާލަން ނޭގި ފިޒާ ގަނޑުވެފައި ހުރީ ތާބިޝްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.  އަތެއް ފައެއް ގުޑުވާލުމަށް ހަށިގަނޑުގެ ނާރުތައް ހުއްދައެއް ނުދިނެވެ. ނިއްކުރިން ފެށިގެން ބޮލުގެ ނާށިގަނޑާއެކު އައްސިވެއްޖެ އެވެ.

ނަފްސާނީގޮތުން ވަރުބަލިވެ، ލިބިފައިވާ ލޮޑުކަމުގެ ތެރެއިން ހަށިގަނޑު އަރިއަޅާއިލިކަމެއް ފިޒާއަކަށް ނޭގެ  އެވެ. ވާނުވާ އެނގުނީ، ތާބިޝްގެ އަތްދަނޑިމަތީގައި ފަރިތަކަމާއެކު ފިޒާ އުފުލާލުމުންނެވެ.

ގަދަހަދާނެ ހިތްވަރެއް ނެތުމުން، ތާބިޝްގެ ކޮނޑުމައްޗަށް އަތް އެއްލާފައި ދެއަތުން ކަނދުރާގައި ހިފަހައްޓާލި އެވެ. ގޭތެރެއިން އަމާޒުވެދާނެ ލޮލަކަށް ބެލުމެއްނެތި ތާބިޝް ފިޒާ ގޮވައިގެން ވަނީ ކޮޓަރިއަށެވެ. ފައިން ދޮރުލެއްޕުމަށްފަހު، ހަށިގަނޑުގައި ފިޒާ ތަތްކޮށްލި އެވެ. ގައިގައި ފިޒާ ބޮނޑިކޮށްލައިގެން އައިސް ތާބިޝް، ފިޒާ ބޭންދީ އެނދުމަތީގަ އެވެ.

"ބޭނުންގޮތަކަށް ހަމަޖެހިލާ.." ފިޒާގެ ބުރަކަށްޓާއި ހެޑްބޯޑާއި ދެމެދަށް ބާލީހެއް ލައްވާލާފައި ހަށިގަނޑު ސީދާކޮށްލުމަށް ފަސޭހަކޮށްދިނެވެ. ތާބިޝްގެ ބަސްއަހައިގެން ފިޒާ ހަމަޖެހިލި އެވެ. އެނދުގެ މަގަތުން ތާބިޝް އިށީންނާނެ ޖާގަވެސް ފިޒާ ދެއްކި އެވެ. 

ފިޒާގެ ދެއަތުގައި ހިފާލާފައި، ވަރަށް ލޯބިން އަތުގެ އިނގިލަތުގައި ފިރުމާލަމުން، ތާބިޝް ހަމަޖެހިލި އެވެ.

ތާބިޝްގެ ރަތްވެފައިވާ ދެ ލޮލާއި، ލޭގަނޑުވެފައިވާ މޫނުގެ ކުލަ  ފިޒާގެ ހިތް ރޮއްވާލި އެވެ. ނަމަވެސް ހަމްދަރުދީއަކީ މިވަގުތު ފިޒާގެ ބަސްފޮތުގައި އޮތް ލަފްޒެއް ނޫނެވެ.

"ފިޒާ....' އައި މިސްޑް ޔޫ ޕްރިންސެސް.." ގަދަކަމުން ހިންދިރުވާލާފައި ތާބިޝް ދެލޯ މަރައިލީ ވަގުތުކޮޅެއް ބޭނުންވާތީ އެވެ.

"އަހަރެންދެކެ ވަރަށްބޮޑަށް ހިތްހަމަނުޖެހި، ވަރަށް ރުޅިއައިސްފައި ހުރިކަން  ގަބޫލުކުރަން..! ހިތްހަމަނުޖެހި ނުވަތަ ރުޅިއަންނަންޖެހުނު ސަބަބަކީ އަހަރެން، ފިޒާއަށް އިތުބާރު ނުކުރީތީ..! ދުވަހަކުވެސް ދުނިޔޭގައި އިންސާނަކަށް ފިޒާ ނަފްރަތު ނުކުރާނެ މިންވަރަށް އަހަންނަށް ނަފްރަތުކުރަނީ، ފިޒާގެ މުޅި ދިރިއުޅުން އަހަރެން ބަރުބާދުކޮށްލީތީ..! ފިޒާގެ ދިރިއުޅުން ނަރަކައިގެ އަނދަވަޅަކަށް ވައްޓާލީތީ، އަހަރެންގެ މައްޗަށް ތުހުމަތު ނުކުރާ، އިލްޒާމެއް ނެތް..! ފިޒާގެ ނަޒަރުގައި މިހުރިހައި ކަމެއްގެ ކޮޕީ ރައިޓްސް އޮތީ  ހަމައެކަނި ފިޒާއަށް..! އެކަމަކު ޕްރިންސެސް...، މިހުރިހައި ކަމެއްގެ ތެރޭގައި އަހަރެން ކޮބާ..؟ އަހަރެން އުޅުނީ ކޮން ހާލެއްގައި..؟ އަހަރެން އިލްޒާމް އަޅުވާނީ ކާކު ބޮލުގައި..؟ ރެއާއި ދުވާލު އަހަރެން ކުރިމަތިލަމުން މިދާ، ބާރުގަދަ އެތައް ތޫފާނަކަށްޓަކައި އަހަރެން ޝަކުވާ ކުރާނީ ކާކުކައިރީގައި..؟ އަހަރެންގެ ޝަކުވާ، ނިސްބަތްކުރަންވީ ކޮން އިންސާނަކަށް..؟ މިހިތުގެ ރިހުމާއި ކެކުޅުން އަހަރެން ހިއްސާކުރާނީ ކާކުކައިރީގައި..؟ މިހިތުގައި މިއަޅާ ވޭނަށް ޒިންމާވާނީ ކާކު..؟ އަހަރެންގެ މި ހާލަތުގެ ތުހުމަތު އަޅުވާނީ ކާކު ބޮލުގައި..؟" ތާބިޝްގެ އަޑުގައި ހުރި ރިހުމަކީ އިންސާނެއްގެ ހިތަށް ހަރައިލާ ބާރުގަދަ ހަންޖަރެއްފަދަ ތޫނުކަމެކެވެ.

ކަރުނަ ފޮރުވުމަށް ތާބިޝް އެއްވެސް  މަސައްކަތެއް ނުކުރެ އެވެ. އުއްމީދެއް ނެތި، ހައިފިލުވާނެ ގޮތެއް ފެނޭތޯ ގަލެއްގައި އިން މާކަނައެއް ފަދައިން، ފިޒާއަށް ތާބިޝް ބަލައިލި އެވެ. ތޫނުކަމާއި ފުންކަމުގެ ކަނޑެއްފަދަ އަޖައިބުކުރުވަނިމި ދެލޮލުން ފިޒާއަށް ފެނުނީ އޭނާއާއި ބީރަހެއްޓި ކަންތައްތަކެކެވެ. އޭގެ ތަފްސީލްތަކެއް މިވަގުތު ފިޒާ ދެނެގަތުން އޭނާއަށް މުހިއްމެއް ނުވި އެވެ.

"ތާބިޝް...! މި ހުރިހައި ކަމަކަށް ޒިންމާވާންޖެހޭނެ މީހަކީ ތިއީ...! ހަމައެކަނި ޒިންމާވާންޖެހޭނީ ތާބިޝް..! އަހަރުމެން ދެމީހުންގެ މިހާލަތަށްވެސް ޒިންމާވާންޖެހޭނެ މީހަކީ ތިއީ..!" ކުއްލިޔަކަށް ވަރަށް ބާރަށް ފިޒާ ރޯންފެށި އެވެ.

"ޔެއަރ.. އައި އެމް ދި ކަލްޕްރިޓް! އިންތިހާއެއް ނެތް މިންވަރަށް ވޭން ތަހަންމަލްކުރަން މިޖެހެނީ އެހެންވެ..! ޔޫ އަރ ރައިޓް!  އަހަރެންގެ މި ހަށީގައި އެންމެ ވިންދެއް ބާކީ އިނަސް، ރެއާއި ދުވާލު އަހަރެންޖެހޭނީ މި ކެކުޅުންތައް ތަހަންމަލްކުރަން..!" އެއްމިޔަކަނުން ހިނިއައިސްފައި، ނަމަވެސް  ރިހުމުން ފުރިފައިވި ބުނެލުމަކުން ތާބިޝް ބުނެލި އެވެ. 

"ތާބިޝްގެ ސަބަބުން އަހަރެން އުޅުންޖެހުނު ހާލެއް، ނުވަތަ އަހަރެން ތަހަންމަލްކުރި ކަންތައްތައް ތާބިޝްއަށް އަންދާޒާވެސް ނުކުރެވޭނެ.. ޔޫ ޑިސްޓްރަސްޓް މީ! ތާބިޝްގެ ގެއިން އަހަރެން ނެރި ބޭރުކުރީ އިތުބާރު ނުކުރީތީވެ..! ނިކަމެތިކަމާއެކު.. ހަތަރު އުދަރެސް ފެނުޖެހުނުފަދަ..! މުޅި މާލޭގައި އެރޭ ދުވެވުނު.. ގޮތް ހުސްވެ، އާވާރާވެގެން ގެއަށްދެވުނު ގޮތެއްވެސް، އަހަންނަކަށށް ނޭގެ.. ތާބިޝްއާއި ގުޅަން އަހަރެންގެ ދައްތަ ކުރިމަސައްކަތް މިއަދުވެސް ތާބިޝްއަށް ހަނދާންކޮށްދީފާނަން..! ހުއްޓުމެއްނެތި ގުޅަމުންދިޔައިރުވެސް، އެންމެ ފަހަރަކުވެސް ފޯނަށް ޖަވާބުނުދީ، ފޯނުކަޑާލީ އަހަރެންގެ ދިފާއުގައި އެއްޗެއް ބުނުމުގެ ފުރުސަތުވެސް ނުދީ..! އަހަރެންގެ ފަހަރި، ތާބިޝްއަށް ކިތަން މެސެޖްކުރިކަން ތާބިޝް ހަނދާން އެބަހުރިތަ..؟ އަހަރެންނަށް އެފަދަ ދަނޑިވަޅެއްގެ އެ ހާލަތުގައި ދައްތަ އުޅޭނެ ގޮތް ތާބިޝްއަށް ކުޑަކޮށްވެސް ހިތައް ނުގެނެވުނުތަ..؟ މާލޭގެ މަގުތަކުގައި ދުވެދުވެ އަހަރެންގެ ފައިގެ ދައްފުށުން ލެ އއަންނަމުންދިޔަކަންވެސް އެދުވަހު އަހަންނަށް އެ ރިހުންވެސް  އިހްސާސްނުވޭ..!" ގިސްލަގިސްލާފައި ފިޒާ ރުއި އެވެ. 

"މާލެ ދޫކޮށް، ކިޔަވަން ޔޫރަޕަށް ދާން އަހަރެން އެއްބަސްވީ ތާބިޝްއާއި ދުވަހަކުވެސް ބައްދަލުނުވާނަންކަމަށް އަމިއްލަ ނަފުސަށް ވައުދުވެގެން.. ކުރިން އެޅި ބިނގާ ބަދަލުކޮށް އަހަރެންގެ މުސްތަގްބަލް ހަރުދަނާކުރުމަށް ދައްތަ ކުރި އާދޭސްތަކަށް ފުރަގަސްދޭނެ ހިތްވަރެއް އެދުވަހު ނުލިބުނު.. ހަމައެކަނި އަޒުމެއްކަމުގައި ކަނޑައެޅީ މުއްސަނދި ފައިސާވެރިޔަކަށް ނުވެވުނަސް، އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވެ އެހެންމީހުންގެ މަލާމާތްތަކަށް ޖަވާބުދެވޭވަރު ގާބިލްމީހަކަށް ވުމަށް..! އަހަރެންގެ އަމިއްލަ ހިއްވަރަށް މިއަދު އަހަރެން ފަހުރުވެރިވަން..  ތާބިޝްގެ ނުވަތަ ތާބިޝްގެ އާއިލާގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫން..! އެކަމަކު އަހަރެންގެ ތަގުދީރުގެ ކުޅިވަރުދެކިބަލަ..! މަދީ ބެރުޖަހާނެ މީހަކާއި ނަށާނެ މީހަކުން...! މުޅި ދުނިޔޭގައި އެނބުރި ބުރުއަޅާފައިވެސް، އައިސް މިޖެހުނީ އެންމެ ކުރިންވެސް އަހަރެން ފެށިހިސާބުން.. މަލާމާތުގެ ހިނިއައިސްފައި، ހިތުހުރި ކޮންމެ އެއްޗެއް މިއަދު ތާބިޝްއަށްވެސް ބުނެވިދާނެ..!" ހިތްހަމަނުޖެހިފައި ފިޒާ ބުންޏެވެ.

"ފިޒާ... އަހަރެން...." ކަރުގައި ގޮށްޖެހުނުފަދަ ތޫނު ތަދަކުން ތާބިޝްގެ ކަރު ބެދިއްޖެ އެވެ.

"ނޫން ތާބިޝް.. ވީރާނާވި މާޒީގެ ހިތި ހަނދާންތައް  ތާބިޝްއަކަށް ދެން ބަދަލެއް ނުކުރެވޭނެ.. އެކަންކަން މެދުވެރިވާން ދިމާވީ ކޮންމެފަދަ ސަބަބަކަޓަކައި ކަމަށްވިޔަސް، އަހަރެންގެ ހަޔާތަށް ޒިންމާވާން ޖެހޭނީ ހަމައެކަނި ތާބިޝް..! އަހަރެންގެ ހިތް ކުދިކުދިކޮށްފި..! އަހަރެންގެ އެއްވެސް އަގެއް ނެތްކަން، އެތައް ބައެއްގެ ކުރިމަތީގައި ސާބިތުކުރިމީހަކީ ހަމައެކަނި ތާބިޝް..! ހިމޭންކަމަކީ ބައެއްފަހަރު ފަރުވާއަކަށްވިޔަސް، އަނެއްބައި ހާލަތްތަކުގައި، ހިމޭންކަމަކީ ބާރުގަދަ  ތޫފާނަކަށްވުރެންވެސް ނުރައްކާ އެއްޗެއް.. އެދުވަހުގެ ހުރިހައިކަމެއް ތާބިޝްގެ ކުރިމަތީގައި ނިއުޅެމުންދިޔައިރުވެސް ތާބިޝް ޗުއްޕުވެސް  ނުބުނީ އަހަރެންގެ ކޮންކުށެއް އޮވެގެން..؟" އިސްޖަހާލަން ތާބިޝްއަށް މަޖުބޫރުވީ، ފިޒާގެ މިފަހަރުގެ އިލްޒާމަށް ދެކޮޅުހެދޭނެ ހަމައެންމެ ފުރުސަތެއްވެސް ނެތީތީ އެވެ.

ފިޒާއަކީ ކުރީގެ ފިޒާ ނޫންކަމާއި ކުރިންހުރި މައުސޫމްކަން ފިލައިގޮސް،  މިޒާޖުގެ ހަރުކަށިކަމާއި ޖެހިލުންކުޑަކަމުގެ ރާޅަކާއި ދިމާއަށް މިސްރާބުޖަހައިފި އެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ތާބިޝްއަށް މަޖުބޫރުވީ އެ ހަގީގަތް ގަބޫލުކުރާށެވެ. 

އޮހޮރެމުންދިޔަ ކަރުނައިގެ ތެރެއިން ކުރުވަމުންދިޔަ ނޭވަޔާއެކު،  ތާބިޝް ކިޔަމުންދިޔައީ އެންމެ ޖުމުލައެކެވެ. އެހެންމީހަކު އަޑުއެހިޔަސް ނޭހިޔަސް އޭނާއަށް ވަރިހަމަކަން، އެމަންޒަރު ފެންނަ ކޮންމެ މީހަކު ހެކިވާނެ އެވެ.

"ޔޫ ޑިޑްންޓް ސަފަރ އެލޯން ފިޒާ..!!" ކޮންމެވެސް މީހަކު ފަހަތުން ބުނެލީ، ހުއްޓުމެއްނެތި ފަތިވަރެއްހެން ތާބބިޝް ކިޔަމުންދިޔަ ޖުމުލަ އެވެ. 

އިވުނު އަޑަށް ފިޒާއާއި ތާބިޝް ބަލައިލީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. 

ފެންކަޅިވެ ބަލަހައްޓައިގެން ދޮރުމަތިގައި ތިބީ ކަޔާންއާއި ސަވާނާ އެވެ.

"ކަޔާން.. އަހަރެން ... ބުނަން އުޅު..ނ" ތާބިޝް މަސައްކަތްކުރީ ކަޔާން ހުއްޓުވާށެވެ. ނަމަވެސް މިފަހަރު ކަންތައްދިމާވީ ދިމާ އިދިކޮޅަށެވެ. ކަޔާން އަތް އުފުލާލީ ތާބިޝްގެ ވާހަކަ ހުއްޓުވާލުމަށެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް