ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ވަކި ކުންފުންޏެއް ސަރުކާރުން އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9ގައެވެ. ސަރުކާރުން %100 ހިއްސާވާ މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޑރ. ޝާހް މާހިރެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ބޭހަށް ހާއްސަ ކުންފުނިން މިހާރު ބޭސް އެތެރެކުރަން ފަށާފައިވާކަމަށެވެ. އަދި ރަށްރަށަށް ބޭނުންވާ ބޭސް ވެސް އެ ކުންފުނިން މިހާރު ސަޕްލައިކޮށްދެމުންދާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. އަދި އެ ކުންފުނީެގ މަސްކަތްތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެސްޓީއޯއިން ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަދި އެ މަސައްކަތް އަންނަ ހަފުތާގައި ފަށައި ފެބުރުއަރީ މަހުގެ 15 އަށް ނިންމަން މަސައްކަތް ކުރާ ކަމަށް ވެ އެވެ.
އެސްޓީއޯގެ ދަށުގައި ހުރި ހުރިހާ ބޭސް ފިހާރަތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަތައް ހިންގާތާ 10 ވަރަކަށް އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި އެކި ސަރަހައްދުތައް ހިމެނޭގޮތަށް އެސްޓީއޯ އިން 196 ބޭސް ފިހާރަ އަންނަނީ ހިންގަމުންނެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުސަދުގައި އުފެއްދި ކުންފުންޏެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;