ads
ރައުދު
ކޯޓު އަމުރެއްގެ ދަށުން އަލުން ރައުދު ހައްޔަރުކޮށްފި
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް މިއަދު ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން މިއަދު ނެރުނު އާ އަމުރެއްގެ ދަށުންނެވެ.

ބަންދުގައި ގިނަ ދުވަސްތަކެއްގައި ބެހެއްޓުމަށް ފަހު ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ.

ފުލުހުން ބުނީ ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށެވެ.

މިހާރު އުމުރުން 22 އަހަރުގެ ރައުދު މިއަދު ބަންދުން ދޫކޮށްލިއިރު، އޭނާގެ ބަންދު މުއްދަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް، އޭގެފަހުން ފަސްދުވަސް އަދި އެންމެފަހުން 20 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފާ އެވެ.

ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވަނީ މީގެތެރެއިން 5 ދުވަހަށް ރައުދު ބަންދުކުރަން ކޯޓުން ނެރުނު އަމުރެވެ. އިސްތިއުނާފު މައްސަލާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނާ ހިލާފަށްކަމަށެވެ.

ރައުދުގެ ބަންދަށް ފަސްދުވަސް ޖެހި ދުވަހު ފުލުހުން އެންމެ ފުރަތަމަ ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ. ފުލުހުން އެހެން އެދުމުން އެ މާއްދާގެ ދަށުން ރައުދު ބަންދުގައި ނުބެހެއްޓޭނެކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނުމުން ފުލުހުން އެ މާއްދާ ބަދަލުކޮށްދިނުމަށް އެދުމެވެ.

ރައުދު ހައްޔަރު ކުރީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެ އެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް