ads
ޗާގޯސް ހިމެނޭ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ
ބައި ގަރުނަށް ފަހު ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލައިފި
އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކާއިއެކު ވެވުނު ތާރީހީ އެއްބަސްވުންތަކާއިއެކު ބައި ގަރުނަށް ފަހުން ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން އިންގިރޭސިސަރުކާރުން ނިންމައިފި އެވެ.
Advertisement

ޗާގޯސް ރަށްތަކަކީ 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށްތަކެކެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި ވިއެޓްނާމް، އިރާގު އަދި އަފްގާނިސްތާނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ޖާގަ ދިނުމަށްޓަކައި އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުން މީހުން ބާލުވާފައެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަޑަކަށް 2،000 މީހުންނެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުންއިސްތިޝާރީ ލަފައެއް ނެރެފައި ވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

މި ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެކުލަވާލި އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މިކަން އިއުލާނުކުރައްވައި ވިދާޅުވީ އެ ގައުމުން އިސްތިއުމާރުކުރި ޗާގޯސް އަނބުރާ މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ މަސްލަހަތު ބޮޑު އަސްކަރީ ބޭސް، ޑިއޭގޯ ގާސިއާ (ފޯޅަވަހި) ގެ ކޮންޓްރޯލް ދެމެހެއްޓެން އޮތް ހަމައެކަނި ގޮތް ކަމަށެވެ.

ސްޓާމާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ނަގައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) ދައްކަން ޖެހޭނެ ކަމަށެވެ.

"އިނގިރޭސި ވިލާތުގެ ގައުމީ މަސްލަހަތަށްޓަކައި މި ގޮތަށް އެއްބަސްވުން ނޫން ގޮތެއް ނެތް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އެންމެ ގާތް ބައިވެރިން މި އެއްބަސްވުމަށް ތާއީދުކުރާކަން ހާމަކޮށްފައި ވާއިރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ވޮޝިންޓަނުން "ތާރީހީ އެއްބަސްވުމަށް މަރުހަބާ ކިޔާ" ކަމަށް ވިދާޅުވެފަ އެވެ.

މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގޫލަމް ވަނީ މި އެއްބަސްވުމަކީ 1968 ވަނަ އަހަރު ފެށި މޮރިޝަސް ޑިކޮލޮނައިޒޭޝަންގެ މަރުހަލާ ފުރިހަމަވެ އޭނާގެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.

ނަމަވެސް އިނގިރޭސި ވިލާތުގެ އިދިކޮޅު ކޮންޒަވެޓިވް ޕާޓީން ވަނީ މިއީ ގައުމުގެ ބައެއް ދޫކޮށްލުން ކަމަށް ބުނެ ސްޓާމާ އަށް ފާޑު ކިޔައިފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ނިންމާފައިވާއިރު، މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކު އެވެ. އެ މަސައްކަތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީފުޅެއް ވެސް ފޮނުއްވާފަ އެވެ. އިނގިރޭސި ސަރުކާރުން މި ސިޓީއަށް ޖަވާބު ދިންކަމެއް އަދި ސަރުކާރުން ހާމަކޮށްފައި އެއް ނުވެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް