
ފުލުހުން ބުނީ ރޭ 20:40 ހާއިރު ހުޅުމާލެ ފޭސް 2ގެ ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ ހުއްދަ އޮއްތޯ އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކު އެމީހާއާ ސުވާލުކުރި ކަމަށާއި ނަމަވެސް އެމައުލޫމާތު ދިނުމަށާއި އަދި ހުއްދަ ދެއްކުމަށް އެމީހާ އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރުބަހުން މުޢާމަލާތުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ތުހުމަތުގައި އޭނާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށްފައިވާ ކަމަށާއި އަދި ޑްރޯން އެރުވުމުގެ ހުއްދަނެތި ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ބުންޏެވެ.
ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވުމުން ފުލުހުންނަށް ތުހުމަތުތަކެއްކޮށް ކުރީ ވަން އޮންލައިންގައި ނޫސްވެރިއަކަށް އުޅޭ ހަމްދާން އަހްމަދެވެ.
ފުލުހުންނާ ދެމެދު ދެކެވުނު ބައެއް ވާހަކަތައް ހަމްދާން ފޭސްބުކްގައި ލައިވްކޮށްފައިވާއިރު، ފުލުހުން އަދި ހަމްދާން ވެސް ހަޑިހުތުރު ބަހުން ވާހަކަދައްކާ އަޑު ވީޑިއޯއިން ސާފުކޮށް އިވެ އެވެ. މީގެ އިތުރުން، ސީނަށް ހާޒިރުވި ފުލުހުންގެ ބޮޑީ ކެމެރާ ނުޖައްސާ ހުރިކަން ވީޑިއޯ އިން ފާހަގަވެ އެވެ.
ހަމްދާން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އެތަނުން ގެއަށް ދާން ހިނގައިގަތުމުން ފުލުހުންގެ ކާރެއް ގެނެސްގެން ކަމަށެވެ. ބިޑި އެޅުވުމަށްފަހު ކާރަށް އޭނާ ވެއްދީ ބާރުގެ ބޭނުންކޮށްގެން ކަމަށް އޭނާ ބުނެފައިވެ އެވެ.
ހަމްދާން ލިއެފައިވާ ގޮތުގައި އޭނާ ގެއަށް ދާން ހިނގައިގަތުމުން ކޮއްޕައި ވައްޓާލަ އެވެ. އެކަމަކު މި މަންޒަރު ވީޑިއޯއަކުން ނުފެނެ އެވެ. ހުއްދަ ދެއްކުމަށާއި ހުއްދަ ނުނަގައި ޑްރޯން ނޭރުވޭނެ ކަމަށް ފުލުހުން ބުނި ކަމަށް އޭނާ ލިއެފައިވެ އެވެ.