ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުހައްމަދު ހާޝިމްކަމަށެވެ.
ފުލުހުން ބުނީ މީނާ ވަނީ ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާކަމަށެވެ.
މީނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޒައިދާން މުހައްމަދު ހާޝިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.