
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ކުރެއްވި ދެވަނަ ޒިޔާރަތުގައި ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަށެވެ. އަދި ކްރިއޭޓިވް އެކޮނަމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވައުދެއްކަން ހާމަކުރައްވަމުން، 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާޢަތް ފުޅާކުރެއްވުމަށް ނިންމަވައި އެކަން އިއުލާންކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިފަހަރުގެ މައުރަޒަށް ބައްލަވައިލެއްވުމުންވެސް، އޭގެ ކުރިން އެކަން ހާސިލްކުރެވޭނެކަމަށް ބެލެވޭކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އަދި މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ކާމިޔާބު މަޢުރަޒެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މި މައުރަޒުގެ މަގްސަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުސަތު ދިނުންކަމުގައި ފާހަގަކުރައްވައި މިކަން ހާސިލްވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވަރަށް ބޮޑު މެދުކެނޑުމަކަށްފަހު އަލުން މައުރަޒު ހުޅުވާލުމަކީ ފެށުމެއްކަމުގައި ވިދާޅުވެ މި ފެށުން ރައްޔިތުން ބަލައިގެންފައިވާ މިންވަރު، މައުރަޒަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރެއްވުގެ ތެރެއިން
އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލަ މުއްސަދިކަމާ، މުޅި ޤައުމުގެ މުއްސަދިކަން ހާސިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންފުޅުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވީ މިދިޔަ ހުކުރުދުވަހުއެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މައުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.