
މި ޕްރޮގްރާމް ވަނީ މިދިޔަ 17 އޭޕްރީލް 2025 ގައި ލޯންޗުކޮށްފައެވެ. މިއީ ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާދިނުމުގައި މަސައްކަތްކުރާ ނަރުހުންގެ ހުނަރު ތަރައްގީކުރުމަށްޓަކައި ހިންގޭ ހާއްސަ ޕްރޮގްރާމެކެވެ.
ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އެކުލަވާލެވިފައިވަނީ ޖުމުލަ 4 ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، ފުރަތަމަ ސެޝަނުގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނަ ސެޝަނުގައި 59 ނަރުހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމެވެ.
ކެންސަރު ސޮސައިޓީގެ ރިޕްރެޒެންޓޭޓިވެއް ވިދާޅުވި ގޮތުގައި "އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެވެ. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ONE ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިންމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ." އެސްޓީއޯގެ މައިގަނޑު އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރުމެވެ.