
ރައީސް މިހެން ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ކުރެއްވި ދެ ވަނަ ޒިޔާރަތުގައި، ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ކްރިއޭޓިވް އެކޮނަމީއެއް ގާއިމުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ޖީޑީޕީގެ 15 ޕަސަންޓު ކްރިއޭޓިވް އިންޑަސްޓްރީން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރުމަށް ނިންމަވާފައިވާކަން ވެސް ހާމަކުރެއްވިއެވެ. ނަމަވެސް މިހާރު ހިނގަމުންދާ މައުރަޒަށް ބައްލަވާލެއްވުމުން، އޭގެ ކުރިން އެކަން ހާސިލުކުރެވޭނެކަމަށް ބެލެވޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ކާމިޔާބު މައުރަޒެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އަމިއްލަ މުއްސަދިކަމާއި މުޅި ގައުމުގެ މުއްސަދިކަން ހާސިލުކުރުމަށް އެންމެން ގުޅިގެން ކުރިއަށްދާން ބޭނުންފުޅުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައުރަޒު މިދިޔަ ހުކުރު ދުވަހު ރައީސް މުއިއްޒު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.