
މިއީ، 2015 ވަނަ އަހަރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ހއ. ހޯރަފުށީ ގާތުގިރި އަޒްލީލާ އަލީ ނިޔާވި ހާދިސާއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސައިކަލު ދުއްވީ އޭރު ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް، ސ. މީދޫ އިރާސްމެކުގެ އަލީ އާލިމްއެވެ.
މި މައްސަލައިގައި އާލިމްގެ މައްޗަށް ކުރިން އޮތީ ކުށް ސާބިތު ނުވެއެވެ. އެހެންނަމަވެސް މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މި މައްސަލަ ނިމުނީ އަލީ އާލިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިގެންނެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ކުށް ސާބިތުވާ ކަމަށް ކަނޑައެޅިނަމަވެސް، އާލިމަށް އަދަބެއް އަދި ކަނޑަ ނާޅައެވެ. މިއަދު އޮތް ޝަރިއަތް ހައިކޯޓުން ނިންމާލީ، އަދަބާ މެދު ވާހަކަ ދެއްކުމަށް ފަހު، ދެން އޮންނަ މަޖިލީހެއްގައި އަދަބު ކަނޑައަޅައި ހުކުމް އިއްވާނެކަން އިއުލާން ކުރުމަށް ފަހުއެވެ.
މި ހާދިސާގައި އަނިޔާވި އަންހެން މީހާ ނިޔާވީ، އެކްސިޑެންޓްގައި އަނިޔާވެ ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ދެވެމުން ދަނިކޮށެވެ. އަންހެން މީހާ ނިޔާވީ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެ ހާދިސާގައި އަންހެން މީހާއާއެކު ހުރި އޭނާގެ ދަރިފުޅަށް ވެސް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އެ ކުއްޖާގެ ބޯ ދުޅަވެ، ފައި ކަށި މައްޗާއި އޮޅަބޮށި މަށައިގެން ގޮސްފައިވާ ކަމަށްވެ އެވެ.