
ޝަމްއާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ފޭރުމުގައި ބައިވެރިވުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ ހިމެނެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ އާންމު އުސޫލާ ހިލާފަށް "އިމިގްރޭޝަން ޗެކް" އެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން 500،000 ރުފިޔާ ނެގުމާ ގުޅިގެން ކަމަށެވެ. މީގެ ތެރެއިން 400،000 ރުފިޔާއާ ޝަމްއާން ހަވާލުވެފައިވާ ކަމަށް ދައުލަތުން ބުނެއެވެ.
މި މައްސަލާގައި އިބްރާހީމް އަހްމަދު، މުހައްމަދު އަލްސަން އިސްމާއީލް، ހަސަން ސެހެޝާން އަދި އަހްމަދު ލައްސާންގެ މައްޗަށްވެސް އެކި ކުށްތަކުގެ ދައުވާ ކޮށްފައިވެއެވެ. ދައުލަތުން ކޯޓުގައި އެދިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތު މައިނުއްދީންއަށް 500،000 ރުފިޔާ އަދި ދައުލަތަށް 400،000 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބަލައި ޝަމްއާން ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.