
މި އެއްބަސްވުމުގައި ރާއްޖޭގެ އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ. އަދި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއާމަން ޑރ. ރާއިދު މަހުމޫދު ރަދުވާނެވެ.
އޭސީސީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރީ "ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025"ގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުމާއި، މަޢުލޫމާތާއި ތަޖުރިބާއާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން ހިމެނޭ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން އެއް ކޮމިޝަނުން އަނެއް ކޮމިޝަނަށް ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ، ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދީ އެންޓި ކޮރަޕްޝަން ބޯޑެކެވެ. އޭޕްރީލް 21، 1991ގައި އެ ބޯޑު އުފައްދާފައި ވަނިކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އުފެއްދީ ގާނޫނީ ހައިސިއްޔަތާއެކު 2008ގައެވެ.