ads
އަދީބު، ރައީސް ޔާމިން އަދި ސިޔާމް -- ފޮޓޯ ޕީއެސްއެމް
ހެކިބަސް: 17 މިލިއަން ރުފިޔާ ސިޔާމަށް ފޮނުވަން ހިލާލީގެއިން ނެރުނު
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ދައުލަތުން ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދެމުން މުލިއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު 17 މިލިއަން ރުފިޔާ ސިޔާމަށް ފޮނުވުމަށް ރައީސް ޔާމީން އޭނާއަށް އެންގެވި ކަމަށް ވިދާޅުވެއްޖެ އެވެ.
Advertisement

ރަޝީދު ހެކިބަ ސް ދެމުން ބުނެފައިވަނީ، އޭނާ ރައީސް ޔާމީން ދަންނަނީ ޕީޕަލްސް ނެޝަނަލް އަލަޔަންސް (ޕީއޭ)ގައި ސިޔާސީ މަސައްކަތްކުރި ދުވަސްވަރުން ފެށިގެން ކަމަށާ އޭނާއަކީ ރައީސް ޔާމީން އަރިހު ދިގު މުއްދަތަކަށް މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށެވެ.

ރަޝީދު ބުނީ ރައީސް ޔާމީން އަންގަވައިގެން ހިލާލީގެއަށް ދިޔަ ކަމަށާއި އެތަނުގައި މޭޒެއް މަތީގައި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ހުރި ކަމަށެވެ. އެ ފައިސާތައް ހުރީ 50،000 ރުފިޔާގެ ބަންޑަލްތަކުގައި ކަމަށާއި އަދި އެއީ 17 މިލިއަން ރުފިޔާ ކަމަށް އޭނާއަށް އެނގުނީ ރައީސް ޔާމީން އެހެން ވިދާޅުވުމުން ކަމަށް ރަޝީދު ބުންޏެވެ.

ހެކިބަސް ދެމުން އަބްދުﷲ ރަޝީދު ކިޔައިދިން ގޮތުގައި އެ ފައިސާ އޭނާ އެޅީ ބޮޑު ލަގެޖް ފޮއްޓަކަށެވެ. އެ ފޮއްޓަށް ފައިސާތައް އެޅުމުން ވެސް ފޮށީގައި ކޮންމެ ވެސް ވަރެއްގެ ހުސް ޖާގައެއް އޮތް ކަމަށް ބުންޏެވެ. އެ ފޮއްޓަށް ހަވާލުވުމަށް ސިޔާމްގެ ކާރުގައި އޭނާގެ ޑްރައިވަރު ހިލާލީގެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެކަން ހިނގި ސީދާ ތާރީހު ނޭނގު ނަމަވެސް، އެއީ 2016 ވަނަ އަހަރުގެ މެދުހެއްހާ ހިސާބު ހިނގި ކަމަށް ކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށެވެ.

މީގެ ކުރިން ޔާމީނުގެ ފަރާތުން ހެކިބަސްދެއްވި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް މި ފަހަރު ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ. ނަމަވެސް ނަރީޝް ހެކިބަސް ދެއްވަން ބޭނުންނުވުމުންނާއި ހައްޔަރުކޮށްގެން ގެނެސް ހެކިބަސް ދޭން މަޖުބޫރުކުރަން ޔާމީން ބޭނުންފުޅުނުވާތީ މި ފަހަރު ނަރީޝްގެ ހެކިބަސް ނަގާފައެއް ނުވެ އެވެ.

މިއަދުގެ ޝަރީއަތުގައި ފުރަތަމަ ހެކިބަސް ދިނީ ރިޒާ އެވެ. އޭނާ ހެކިބަސް ނެގި ވަގުތު މައިކަށް ރަނގަޅަށް އަޑެއް ނާރަ އެވެ. އެހެންވެ ރިޒާގެ ހެކިބަހާއި އެ ވަގުތު ދައުލަތުންނާއި ދިފާއީ ވަކީލުން ދެއްކި ވާހަކަ ވެސް ސާފެއް ނުވެ އެވެ.

މި މައްސަލައިގައި ހެކިންގެ ހެކިބަސް ނަގައި މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. އެ އަށް ފަހު އޮންނާނީ ހުކުމް ކުރުމެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް